ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށް އެފުރުޞަތު ލިބޭނެކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ޕްރޮގްރާމު ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ވާހަކަ ދައްކަވަމުންނެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވަނީ ޕްރޮގްރާމުގެ ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާފައެވެ. ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ މި ޕްރޮގްރާމު 2024ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވިއިރު، ދަރިވަރުން ތަރުބިއްޔަތުކުރުމަށް ވަޒީފާ އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި މިހާރު ފުރަތަމަ ބެޗުގެ ދަރިވަރުން އެމަގުން ކުރިއަށްދާއިރު މިކަމުންގެ ރައީސްގެ ބަސްފުޅުގެ އިޚްލާސްތެރިކަން ހާމަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއްކަން ފާހަކޮށް ދިފާޢީ ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށްވެސް އެފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ތަމްރީނު ތާވަލުގައިވާ ގޮތަށް، 350 ދަރިވަރުންގެ އިތުރު 2 ބެޗު މިއަހަރު ބާކީ މުއްދަތުގައި ކުރިއަށް ގެންދެވޭނެ ކަމަށް ދިފާޢީ ވަޒީރު ހަސަން ރަޝީދު ވިދާޅުވިއެވެ.
މި ޕްރޮގްރާމު ފުރިހަމަ ކުރެއްވި ދަރިވަރުންނާއި މުޙާތަބުކުރައްވައި ވާހަކަ ދައްކަވަމުން ދިފާޢީ ވަޒީރު ވަނީ ދަރިވަރުން ބެލެނިވެރިންގެ އުއްމީދުތަކުގެ މަތީގައި ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މުޖްތަމަޢު ތެރޭގައި އެންމެންގެ ދިރިއުޅުމުގެ ހާލަތު އެއްގޮތް ނުވިނަމަވެސް އެކުގައި މަސައްކަތް ކުރުން މުހިންމުކަމަށް ވަޒީރު ވަޒީރު ވިދާޅުވިއެވެ. އަދި ޕްރޮގްރާމުގެ ތެރެއިން ލިބުނު ތަމްރީނުގެ އެންމެ ފުރިހަމަ ބޭނުން ކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
"މުޖްތަމަޢުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދިނުން މުހިންމު. ލިބުނު ތަމްރީނުތަކުގެ ބޭނުން ހިފަން ވާނެ. އަޅުގަނޑު އެދެނީ ހުރިހާ ޒުވާނުންނަށް އުޖާލާ މުސްތަޤުބަލެއް" ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވިދާޅުވިއެވެ.
ޕްރޮގްރާމު ތެރެއިން ދަރިވަރުންނަށް، ދީނީ ގޮތުންނާއި، އިލްމީ ގޮތުން އަދި ޖިސްމާނީ ގޮތުން ތަފާތު އެކި ހުނަރުތައް ދަސްކޮށްދެއްވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއިން ކޮންމެ ބަޔަކީވެސް އާންމު ދިރިއުޅުމުގައި ބޭނުންވާނެ އެތަކެއް ހުނަރުތައް ދަސްކޮށްދޭ ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ނަމާދަށް ފަރުވާތެރިވުމާއި، ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް ބޭނުންވާ ހުނަރުތަކާއި، އަދި އާންމު ދިރިއުޅުމުގައި އަދި ގޭތެރޭގެ ޒިންމާތައް ހަވާލުވެ ތިބެ އެންގެން ބޭނުންވާ އެކި ހުނަރުތައް ޕްރޮގްރާމުގެ ތެރެއިން ކުދިންނަށް ދަސްކޮށްދެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަ ނިންމަވާލެއްވުމުގެ ކުރިން އިޓަލީ ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހަނދާން އައުކޮށް އެއީ ޤައުމު ފަޚުވެރިވާ ހިއްވަރުގަދަ ބޭކަލެއް ކަމަށް ވިދާޅުވިއެވެ.