ޚަބަރު

ހަނިމާދޫ ބަލިކޮށް، ނޯތު ލީގު ދިއްދޫއަށް!


  • ދިއްދޫ މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިން

  • މުބާރާތް ކާމިޔާބުކޮށްފައިވަނީ %100 މޮޅުގެ ރެކޯޑަކާއެކު

ނޯތު ލީގުގައި ދިއްދޫއިން %100 މޮޅުވުމުގެ ރެކޯޑަކާއެކު އެޓީމުން ނޯތު ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ހަނިމާދޫގެ އަމިއްލަ ދަނޑުގައި ދިއްދޫއިން ފަހަތުން އަރައި ހަނިމާދޫ ބަލިކޮށްފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.

ހަނިމާދޫއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. ދިއްދޫގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ހަނިމާދޫއިން މިގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 2 ވަނަ މިނެޓުގައެވެ. ހަނިމާދޫއިން ގޯލު ޖެހި ހިސާބުން ދިއްދޫއިން ވަނީ ކުޅުން ރަނގަޅުކޮށް، ހަނިމާދޫގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ހަނިމާދޫ ކުރީގައި އޮވެގެންނެވެ.

ދިއްދުގެ ފުރަތަމަ ގޯލު ޖަހައި، ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. އަދި، އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ 72 ވަނަ މިނެޓުގައެވެ. މިއާއެކު، ނޯތު ލީގުގައި ދިއްދޫ ކުޅުނު 5 މެޗުވެސް ކާމިޔާބުކޮށް، އެޓީމު މިވަނީ ރީޖަނަލް ލީގުގެ ޕްލޭއޮފް ބުރަށް ގޮސްފައެވެ.

އެޓީމާއެކު މިވަގުތު ޕްލޭއޮފް ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި ވަނީ މާލޭ ރީޖަންގެ ޗެމްޕިއަން، ބިސްބުރު ސްޕޯޓްސް ކުލަބެވެ.