ނުރައްކާތެރި ކުނި ރިސައިކަލްކޮށް އެކްސްޕޯޓް ކުރުމަށް އައްޑޫގައި ޤާއިމްކުރި މަރުކަޒު މިއަހަރު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީގައި ނުރައްކާތެރި ކުނި ނައްތާލުމުގެ ކުރިން ކުނި ރައްކާ ކުރާނެ ފެސިލިޓީއެއް ޤާއިމްކުރަން ނޫރައްދީން އިންވެސްޓްމެންޓް ކިޔާ އައްޑޫ ކުންފުންޏަކާއި ޙަވާލުކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖޫންމަހުގެ 14 ގައެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ކުނީގެ ތެރެއިން ކެމިކަލް ކުންޏަކީ ސިއްޙަތަށާއި ތިމާވެއްޓަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ އެއްޗެއް ކަމަށެވެ. އެގޮތުން ކެމިކަލް ރައްކާތެރިކޮށް މެނޭޖްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިކަމަށް އައްޑޫގައި އިންޓަރިމް ހެޒިޑެސް ވޭސްޓު ސެންޓަރެއް ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި އެތަން މި އަހަރު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
"އައްޑޫގައި އިންޓަރިމް ހެޒިޑެސް ވޭސްޓު ސެންޓަރެއް ވަނީ ޤާއިމްކޮށްފައި. އެތަން އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ. އިންޓަރިމް ހެޒިޑެސް ވޭސްޓު ސެންޓަރަކީ، އަޅުގަނޑުމެން ކެމިކަލްގެ ބާވަތްތައް ބޭރަށް މިސާލަކަށް ފޮނުވަންޖެހޭ ހާލަތެއް ހުރި ކެމިކަލްތައް ސްޓޯކުރުމަށްޓަކައި ޤާއިމްކޮށްފައި ހުރި ފެސިލިޓީއެއް" ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ފެސިލިޓީ އިމާރާތްކޮށް ޚިދުމަތް ލިބެން ފެށުމުން އައްޑޫ ސިޓީގައި ހުރި ނުރައްކާތެރި ކެމިކަލްއެއް ކަމަށްވާ ޕޮލީ ކްލޮރިނޭޓެޑް ބައިފީނައިލް (ޕީ.ސީ.ބީ) އެކުލެވޭ 2 އާލާތާއި، ފުވައްމުލައް ސިޓީގައި ހުރި 16 ކަރަންޓު ފޯމަރު ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް ރާއްޖެއިން ބޭރު ފެސިލިޓީއަކަށް ގެންދިއުމުގެ ކުރިން ފެސިލިޓީގައި ރައްކާ ކުރެވޭނެއެވެ. ނުރައްކާތެރި ކުނި މެނޭޖް ކުރުމުގެ ފެސިލިޓީ ޤާއިމް ކުރުމުގެ މަޝްރޫޢަކީ، 1.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މިމަޝްރޫޢުގެ ސަބަބުން ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން ޤައުމުތަކުގައި ހުރި ޕީސީބީ އެކުލެވޭ ކަމަށް ބެލެވޭ އާލާތްތައް ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިފެސިލިޓީ ވެގެން ދާނީ، ރާއްޖޭގެ ދެކުނުގެ ސަރަޙައްދުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ތިމާވެއްޓަށް ގެއްލުންހުރި ނުރައްކާތެރި ކެމިކަލް ރައްކާކުރާ މި ފެންވަރުގެ ފުރަތަމަ މަރުކަޒަށް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މަސައްކަތުގެ އިތުރުން ނުރައްކާތެރި ކުނި ރިސައިކަލްކޮށް، އެކްސްޕޯޓުކުރާ ސެންޓަރެއް ރ.ވަންދޫގައި އެޅުމުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ 30 އިންސައްތަ ނިމިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ވަންދޫގައި ޤާއިމްކުރާ ފެސިލިޓީގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށުން ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ވަންދޫގައި ނުރައްކާތެރި ކުނި މެނޭޖްކުރާ ސެންޓަރު އަޅަނީ، ވަންދޫގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ. މިމަޝްރޫޢުގެ ދަށުން އޮފީސް ބަޔަކާއި، ކުނި ރައްކާކުރާ ބައެއްގެ އިތުރުން ރިސައިކަލްކުރަން ޚާއްސަ ބައެއް ތަރައްޤީ ކުރާނެއެވެ. މި މަސައްކަތް ކުރުމަށް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ މެއި މަހުގެ 11 ގައެވެ.
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީއާ ގުޅިގެން ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ދިވެހި ސަރުކާރުން ވަނީ، ޚާއްސަ މަޝްރޫޢެއްވެސް ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް އަދި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރުކޮށް، ކުންޏާއި ކެމިކަލް މެނޭޖުކުރުމަށް ޚާއްސަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.