ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ހުދު ސަމާލު


  • ހުދު ސަމާލު ނެރުނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް

  • ސަމާލު ނެރެފައި ވަނީ މެންދުރުފަހު 14:15އިން ފެށިގެން ރޭގަނޑު 20:00އާ ހަމައަށް

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 14:15 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.