ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު 208،937އަށް އަރާފައިވާ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ 'އައްޑޫ ބިޒްނަސް ޑައިލޮގް' ގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެ ވުޒާރާއިން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތަފްސީލުތައް ހާމަކޮށްފައެވެ.
މި ސެޝަންގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޚްސާން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ 'އޮޕަރޭޝަން ކުރަނގި' ގެ ދަށުން ހޯދިފައިވާ ކުރިއެރުންތަކުގެ ތަފްސީލީ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.
ވަޒީރު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު އޮޕަރޭޝަން ކުރަނގީގެ ދަށުން، 2023 ވަނަ އަަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި ހިންގާ މޭ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ބިދޭސީންގެ ވޯކް ޕާމިޓްތައް ބެލެހެއްޓުމާއި ޞައްޙަކަން ކަށަވަރުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.
މި މުއްދަތުގެ ތެރޭގައި ވޯކް ޕާމިޓް ހުށަހަޅާފައިވާ އަދަދު 295,678 އިން 232,884 އަށް ވަނީ ދަށްވެފައެވެ. އަދި 2012 ވަނަ އަހަރުގެ ކުރީގެ ޑޭޓާގައި ހިމެނޭ ވެރިފައި ނުވާ 86,741 ވޯކް ޕާމިޓްގެ އަދަދު ވަނީ 19,904 އަށް މަދުކުރެވިފައެވެ. މީގެ އިތުރުން، އެކްޓިވް ވޯކް ޕާމިޓްގެ އަދަދު 208,937 އިން 212,980 އަށް އިތުރުވެފައިވެއެވެ.
މާލީ ގޮތުންނާއި ގާނޫނީ ގޮތުން ބަލާއިރު، ޞައްޙަ ވިސާ އޮތް އަދި ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ވޯކް ޕާމިޓްގެ ނިސްބަތް ވަނީ 20 އިންސައްތައިން 66 އިންސައްތައަށް އިތުރުވެފައެވެ. ހަމައެއާއެކު، ޞައްޙަ ވިސާ ނެތް އަދި ފައިސާ ނުދައްކާ ހުރި ޕާމިޓްތަކުގެ ނިސްބަތް 80 އިންސައްތައިން 34 އިންސައްތައަށް ދަށްކުރެވިފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަންގެ ދާއިރާއިންވެސް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 10 އިނގިލީގެ ނިޝާނާއި ބަޔޯމެޓްރިކް ފޮޓޯ ނަގާފައިވާ މީހުންގެ އަދަދު 27,200އިން 202,224އަށް ވަނީ އިތުރުވެފައެވެ. އަދި ރާއްޖޭގައި ވޯކް ޕާމިޓާއެކު މަސައްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކްސް ނުނަގަ ތިބި މީހުންގެ އަދަދު 181,737އިން 10,756އަށް ވަނީ ދަށްވެފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަލަށް ރާއްޖެ އައުމަށް ހުއްދަ ދެވިފައިވާ 6,716 މީހަކު އެބަތިއްބެވެ. އަދި ރާއްޖެއަށް އެއްފަހަރު އައިސް، ނަމަވެސް އަދި އިނގިލީގެ ނިޝާން ނުނަގާ 4,040 މީހަކު ތިބިކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ޤަވާއިދާ ޚިލާފަށް 'އޯޕަން ވީޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.