ޚަބަރު

ފިންލެންޑް އަދި ހުރައަށް މުބާރާތް ނިމިއްޖެ


  • ގުރައިދޫ ސްކޫލް އަދި ޞަލާޙުއްދީން ސްކޫލް 1-1 ގެ ނަތީޖާއިން އެއްވަރު

  • ހުރާ ސްކޫލް މެޗު ކާމިޔާބުކުރީ 2-8 ގެ ނަތީޖާއިން

  • ގުރޫޕު 6 ކުން ދެވަނަ ބުރަށް ދާނެ ޓީމުތައް ޔަގީންވާނީ ފަހު މެޗުތައް ކުޅުމުން

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ އިއްޔެގެ ނަތީޖާތަކާއެކު ގުރޫޕް 6 ގެ ޓީމުތަކުގެ މެދުގައި ފޯރިގަދަވި އިރު، ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލް އަދި ހުރާ ސްކޫލް މުބާރާތުން ކަޓައިފިއެވެ.

ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޞަލާޙުއްދީން ސްކޫލް އަދި ހުރާ ސްކޫލް ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުގައި، ހުރާ ސްކޫލުން ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލް ބަލިކޮށްފައި ވަނީ 2-8 ގެ ނަތީޖާއިންނެވެ.

ޞަލާޙުއްދީން ސްކޫލް އާއި ގުރައިދޫ ސްކޫލްގެ މެޗުގައި، ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ޞަލާޙުއްދީން ސްކޫލުން ލީޑު ނަގާފައިވަނީ ލިބުނު ޕެނަލްޓީއަކުން، މެޗުގެ 15 ވަނަ މިނެޓުގައެވެ. މިގޯލަށް ފަހުވެސް ޞަލާޙުއްދީނުން ރަނގަޅު ކުޅުމެއް ކުޅެ، ގުރައިދޫ ސްކޫލުގެ ގޯލަށް ނުރައްކާކޮށްފައި ވީނަމަވެސް ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ގުރައިދޫ ސްކޫލުން މެޗުގެ ނަތީޖާއެއްވަރުކުރީ، މެޗުގެ އިތުރުވަގުތުގައި ލިބުނު ކޯނަރަކުންނެވެ. މި ނަތީޖާއާއެކު، ޞަލާޙުއްދީން ސްކޫލް ކުޅުނު 3 މެޗުން އެޓީމަށް ލިބިފައިވަނީ ޖުމްލަ 4 ޕޮއިންޓެވެ. އަދި ގުރައިދޫ ސްކޫލު ކުޅުނު 3 މެޗުން އެޓީމަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. މި ގުރޫޕުން ދެވަނަ ބުރަށް ދާނެ ޓީމުތައް ޔަގީންވާނީ ފަހު މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތުންނެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ހުރާ ސްކޫލުން ލީޑުނަގާފައި ވަނީ މެޗުގެ 7 ވަނަ މިނެޓުގައެވެ. އެޓީމު 2ވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައި ވާއިރު، 3 ވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ އޭގެ އެންމެ މިނެޓެއް ފަހުންނެވެ.

ހުރާ ސްކޫލު ޓީމުގެ 4 ވަނަ ގޯލުވެސް ކާމިޔާބުކޮށްފައި ވަނީ ޕެނަލްޓީއަކުންނެވެ. އެއީ، މެޗުގެ 24 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހުރާ ސްކޫލު ޓީމަށް ވަނީ ތިންވަނަ ޕެނަލްޓީއެއްވެސް ލިބިފައެެވެ. އެޓީމުހެ 5 ވަނަ ގޯލު ކާމިޔާބުކުރީ، މި ފުރުސަތުގައެވެ.

މެޗުގެ ދެވަނަ ހާފުގައި ވަނީ، ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލަށް މުޅި މުބާރާތުގައިވެސް ކާމިޔާބުކުރެވުނު ހަމައެކަނި 2 ގޯލު ފެނިގެންގޮސްފައެވެ. އެގޮތުން، ހުރާ ސްކޫލު ޓީމު ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ގޯލަށް ބޯޅަ ފޮނުވާލައިގެން އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 34 ވަނަ މިނެޓުގައެވެ. އަދި، އެޓީމުގެ 2 ވަނަ ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ 41 ވަނަ މިނެޓުގައެވެ.

ހުރަވީ ސްކޫލުން ދެވަނަ ހާފުގައި ކާމިޔާބުކުރި 3 ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 38 ވަނަ މިނެޓު، 46 ވަނަ މިނެޓު އަދި 60 ވަނަ މިނެޓުގައެވެ. މި މެޗަށް ނުކުތް އިރުވެސް މި ދެޓީމުވެސް ވަނީ މުބާރާތުން ކަޓައިފައެވެ. ކުޅުނު 3 މެޗުން ހުރާ ސްކޫލަށް ލިބުނީ 3 ޕޮއިންޓެވެ. ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލަށް މުބާރާތުގައި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.