މި އަހަރު ބޭއްވުމަށް ނިންމާފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ފުޓްސަލްގެ އެވޯޑުތައް ދޭއިރު ބަލާނީ މި އަހަރު ބާއްވާ ކްލަބް މޯލްޑިވްސް މުބާރާތުގައި ކުޅުންތެރިން ދައްކާ ކުޅުމަށް ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
އެފްއޭއެމްގެ ފުޓްސަލް މުބާރާތްތައް ކްލަބް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންގޮސް، ކްލަބް މޯލްޑިވްސް އަކީ އެފްއޭއެމް އިން އެންޑޯޒްކުރާ މުބާރާތެއްގެ ގޮތުގައި ހަަމަޖައްސާ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ، ކްލަބް މޯލްޑިވްސް އިން މިހާތަނަށް އިންތިޒާމުކުރަމުން އައި "ކްލަބް މޯލްޑިވްސް ކަޕް" އަދި އަންހެނުންނަށް ޚާއްޞަ "އެއިޓީން ތާޓީ" ފުޓްސަލް މުބާރާތަކީ ދެން އެފްއޭއެމުން ރަސްމީކޮށް އެންޑޯސްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކަކަށް ވެގެންދާނެ ކަމަށެވެ.
އަދި މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން އަދި ރީޖަނަލް ލެވެލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ކްލަބް މޯލްޑިވްސްގެ ފަރާތުން އެފްއޭއެމަށް ފޯރުކޮށްދޭނެކަމަށް ވެސް ޠާރިޤް ވިދާޅުވިއެވެ.
މިއާއެކު، މި އަހަރުގެ ސްޕޯޓްސް އެވޯޑުގައި ފުޓްސަލް ކުޅުންތެރިންނާއި އޮފިޝަލުންނަށް އެވޯޑު ދިނުމުގައި ބަލާނީ، ކްލަބް މޯލްޑިވްސްގެ ނަތީޖާތަކާއި ދައްކާ ކުޅުމަށް ކަމަށް ޠާރިޤް ވިދާޅުވިއެވެ.
""އަޅުގަނޑުމެން ފަށައި މިގަންނަނީ މުޅި ރާއްޖެއަށް ފުޓްސަލް ހުޅުވާލުމާއި އަދި ކްލަބް މޯލްޑިވްސްގެ މައި މުބާރާތަކީ އެފްއޭއެމް އިން އެންޑޯޒްކުރާ މުބާރާތެއްގެ ގޮތުގައި ހިންގުމަށް. އެހެންވީމަ މި އަހަރުގައި ކްލަބް މޯލްޑިވްސްގެ ފިރިހެން މުބާރާތަކީ އެފްއޭއެމް އިން އެންޑޯޒްކުރާ އެފްއޭއެމް ގަބޫލުކުރާ އެންމެ ބޮޑު އެންމެ އެލީޓް މުބާރާތް. އަދި ކްލަބް މޯލްޑިވްސްގެ އޭގެ އަންހެން މުބާރާތް، އެއިޓީން ތާޓީ އަކީ ވެސް އެފްއޭއެމް އިން އެންޑޯޒްކުރާ އަންހެން އޭގެ ވާޝަން ރާއްޖޭގައި. އެހެންވީމަ އެ ދެ މުބާރާތުގެ ކުޅުންތެރިންނަށް ބަލާފައި، ޙާއްސަކޮށް ފިރިހެން މުބާރާތުގައި ވާނެ މީގެކުރިން އިއުލާނުކޮށްފައި މި އަހަރުގެ ފުޓުބޯޅަ އެވޯޑްސް ދޭއިރު ފުޓްސަލް ހިމަނާފައިވާނެ. އެ ދޭއިރު ބަލާނީ ކްލަބް މޯލްޑިވްސް މި މުބާރާތުގައި ކުޅުންތެރިން ނެރޭ ނަތީޖާއާއި ދައްކާ ކުޅުމަށް"ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް، އަޙްމަދު ޠާރިޤް
ފުޓްސަލްއަށް އޭގެ ހަގީގީ މަގާމު ހޯދައިދިނުމުގެ މަސައްކަތް އެފްއޭއެމް ހިންގެވުމާ އަޙްމަދު ޠާރިޤް ހަވާލުވެވަޑައިގެންނެވި ފަހުން ފަށާފައިވާއިރު، ފާއިތުވީ އަހަރުތަކުގައި މި ކުޅިވަރު އޮތީ ވަރަށް ބޮޑަށް ބާކީކުރެވިފައެވެ.
ފުޓްސަލް އަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅިވަރުގެ ގޮތުގައި އޮތްއިރު މި ކުޅިވަރަށް ރަސްމީ ހައިސިއްޔަތެއް، އަޅާލުމެއް ދޭނެ އިދާރާއެއް، މުއައްސަސާއެއް މީގެ ކުރިން ނެތެވެ.
އެކަން ހާމަވާ އެއް ކަމަކީ ފާއިތުވީ އަހަރުތަކުގައި ގައުމީ ފުޓްސަލް ޓީމުގެ ގޮތުގައި މުބާރާތްތަކުގައި ބައިވެރިވި ޓީމުތަކަށް ތަމްރީނުތައް ކުރިއަށް ގެންދާނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި، މީހުން ބިނާކުރުމާއި ތަޖުރިބާކާރު ކޯޗުން ހޯދައިދިނުމަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމެވެ.
އެހެންނަމަވެސް، އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން އަދި އެފްއޭއެމް ހިންގެވުމާ ޠާރިޤް ހަވާލުވެވަޑައިގެންނެވި ފަހުން ފުޓްސަލްއަށް ގިނަ ފުރުސަތުތަކެއް ފަހިވެފައިވާއިރު، ބައިނަލްއަގްވާމީ މައިދާނުގައި ފުރަތަމަ ތަށި ވެސް ވަނީ އުފުލާލާފައެވެ.
މި ސަރުކާރުން ވަނީ ޤައުމީ ފުޓްސަލް ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަ އަހަރުން ފެށިގެން މުސާރައާއި މެޑިކަލް އިންޝުއަރެންސް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައިދީފައެވެ. އަދި ވަރަށް އަވަހަށް، އިންޑޯ ފުޓްސަލް ކޮމްޕްލެކްސްތަކެއް އެޅުމުގެ އަމަލީ މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވެއެވެ.