ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގެ ޖާގައެއް ކްރިސްޓަލް ޕެލަސް އިން ހޯދައިފި އެވެ.
ކްރިސްޓަލް ޕެލަސް އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޝާޚްތާރު ޑޮނެސްކް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކާމިޔާބުކޮށްފައިވާތީ އެ ޓީމަށް ކުރި ލިބިފައިވަނީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ކްރިސްޓަލް ޕެލަސް އަށް ކުރި ލިބިފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި ޝާޚްތާރުގެ ޕެޑްރީ ހެންރީކޭ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ނަމަވެސް އޭގެ އަށް މިނިޓު ފަހުން ޝާޚްތާރުގެ އެގުއިނަލްޑޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ކްރިސްޓަލް ޕެލަސްގެ އިސްމައިލާ ސާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
މި ލަނޑަށްފަހުވެސް ކްރިސްޓަލް ޕެލަސް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
ކޮންފަރެންސް ލީގުގެ ފައިނަލުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ނިކުންނާނީ ސްޕެއިންގެ ރަޔޯ ވަޔެކާނޯ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ ލެއިޕްޒިގްގައި މި މަހުގެ 27 ވަނަ ދުވަހު އެވެ.