ޚަބަރު

ފުލެޓަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ލިޔުން އެފްޑީސީ ޕޯޓަލުން


  • އެއްވެސް ފިޒިކަލް ޑޮކިއުމަންޓެއް ހުށަހަޅާކަށް ނުޖެހޭނެ

  • ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް އިދާރީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެކަމަށް ވިދާޅުވި

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ޑޮކިއުމަންޓްތައް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ހުޅުމާޅެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ރަށްވެހިކަން އެފްލެޓްތަކަށް ބަދަލުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެކުންފުނިން ވަނީ މާލެ ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓު ލިބުނު މީހުންގެ ތެރެއިން އެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރން އެދޭނަމަ އެކަމަށް ބޭނުންވާ ހުރިހާ ލިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަގުޗާޓާއި އެއްގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމެންޓެއް ހުށަނާޅާ އޮންލައިންކޮށް ވަން ކްލިޕް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށް ހަމްދާން ޝަކީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ރޯޑްމެޕްއާ އެއގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމެންޓޭޝަންއެއް ހުށަނާޅާ އޮންލައިންކޮށް ވަން ކްލިޕް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ލިޔުމެއްއެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ނިޒާމެއް މިވަނީ ހަމަޖެހިފައި" ހަމްދާން ޝަކީލް ވިދާޅުވިއެވެ.

އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް އިދާރީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި މިކަމުގައި ސިޓީ ކައުންސިލުން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 32 ޓަވަރުގައި 4000 ހައުސިންގ ޔުނިޓް ހިމެނެއެވެ. މި ފްލެޓްތަކުގައި 30،000އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނެކަމަށް އަންދާޒާ ކުރެވެއެވެ.