މާސްޓާސް އެތުލެޓިކްސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕް ސެކަންޑް އެޑިޝަންގައި އުމުރުން 75 އަހަރުގެ އެތުލީޓުންވެސް ވާދަކުރުމަށް ހަމަޖެހިފައިވާކަމަށް އެކްލަބުގެ ރައީސް އަލީ ރައީފް ވިދާޅުވެއްޖެއެވެ.
ފާއިތުވެދިޔަ އަހަރު މުޅިން އަލަށް ރާއްޖޭގައި ފަށާ، ބޮޑު ތަރުހީބެއް ލިބުނު މުބާރާތުގެ ދެވަނަ އެޑިޝަން ބުދަ ދުވަހު ފެށުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު މުބާރާތާއި ގުޅޭގޮތުން ރައީފް ވިދާޅުވީ މިއަހަރުގެ މުބާރާތްވެސް ޚާއްސަ ކޮށްފައިވަނީ 35 އަހަރުންމަތީގެ އުމުރުރުފުރާތަކަށްކަމަށެވެ. އެގޮތުން މިމުބާރާތުގައި މިއަހަރު 75 އަހަރުންމަތީގެ އެތުލީޓުންވެސް ވާދަކުރާނެކަމަށެވެ.
މާފަންނު ކުޅިވަރު އެކުވެނީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މިމުބާރާތުގައި 156 އިވެންޓެއް ހިމެނޭއިރު، ޖުމްލަ 225 އެތުލީޓުން މިމުބާރާތުން ފެނިގެންދާނެކަމަށާ މިއަހަރުވެސް މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށް ރައީފްވަނީ މައުލޫމާތުދެއްވާފައެވެ.
"މިއަހަރު އެބައުޅޭ 225 ވަރަކަށް އެތުލީޓުން. 156 އިވެންޓް ކުރިއަށްދާނެ، އުމުރުން ވަރަށް ދޮށީ އެތުލީޓުންވެސް މިފަހަރު ފެނިގެންދާނެ. އެބައުޅޭ 75 އަހަރުންމަތީގެ ފަރާތްތައްވެސް" ރައީފް ވިދާޅުވިއެވެ.
މިއަހަރުގެ މުބާރާތުގައި ވެސް ޓީމް އިވެންޓްތަކާއި އިންޑިވިޖުއަލް އިވެންޓްތައް ބޭއްވުމަށް ރާވާފަވާއިރު 8 އުމުރުފުރާއަކުން އެތުލީޓުން ވާދަކުރާނެއެވެ. އެއީ 35 އަހަރުންމަތި، 40 އަހަރުންމަތި، 45 އަހަރުންމަތި، 50 އަހަރުންމަތި، 55 އަހަރުންމަތި، 65 އަހަރުންމަތި 65 އަހަރުންމަތީގެ އުމުރުފުރާގެ އިތުރުން 70 އަހަރުންމަތީގެ އުމުރުފުރާއެވެ.
މާސްޓާސް އެތުލެޓިކްސް ޗެންޕިއަންޝިޕްގައި މިއަހަރު ރާއްޖެ ހިމެނޭހެން ނުވަ ގައުމަކުން އެތުލީޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ، ސިންގަޕޫރު، ޖަޕާންގެ އިތުރުން ޔޫރަޕްގެ ގައުމުތައްކަމަށްވާ ފިންލޭންޑާއި ހަންގޭރީގެ އިތުރުން ޑެންމާކްއެވެ. މި އެތުލީޓުން ރާއްޖެ އައިސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކްގައި މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 7 އިން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
2024ވަނަ އަހަރުގެ އޮގަސްޓުމަހުގެ 19 ވަނަ ދުވަހު ވުޖޫދުވެގެން އައި މާސްޓާސް އެތުލެޓިކްސް މޯލްޑިވްސްއަކީ ރާއްޖޭގެ ފުރަތަމަ ފަހަރަށް މާސްޓާސް އެތުލީޓުންނަށް ޚާއްސަ ކުރެވިގެން އުފައްދާފައިވާ ކުލަބެވެ. މިކުލަބުގެ އަމާޒަކީ ގައުމީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މާސްޓާސް އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ ގައުމަށް ގިނަ މެޑަލްތަކެއް ހޯދަދިނުމެވެ.
އެއަމާޒަށް ވާސިލުވުމަށް މާސްޓާސް އެތުލެޓިކްސްއިން އެޅި ފުރަތަމަ ފިޔަވަޅަކީ ފާއިތުވެދިޔަ އަހަރުގެ މޭމަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި މުޅިން އަލަށް ބޭއްވި "މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025" އެވެ.
35 އަހަރުން މަތީގެ އެތުލީޓުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމުބާރާތުގައި 100 އަށް ވުރެ ގިނަ އެތުލީޓުން ވާދަކޮށް މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނު އިރު، އޭގެ ތެރޭގައި ބިދޭސީ އެތުލީޓުންވެސް ވާދަކޮށްފަވުމަކީ އެކްލަބަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް މާސްޓާސް އެތުލެޓިކްސް މޯލްޑިވްސްއިން ބުނެއެވެ.