ޚަބަރު

ކުރިއަށް އޮތް 4 މަހު ރާއްޖެއަށް މޫސުން ގޯސް


  • ޖޫންއިން ސެޕްޓެންބަރަށް އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 4 މަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް ވާރޭވެހޭ ވަރަށްވުރެ، ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އެ މަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހޫނު ގަދަ ދުވަސްތަކަކަށްފަހު، ނިމުނު ހަފްތާއެއްހާ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ މޫސުން ގޯސްވެ ވިއްސާރަކުރަން ފަށާފައެވެ.

އެގޮތުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވިއްސާރަ ކުރުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން އަންނަނީ، އެ ސަރަހައްދުތަކަށް ސަމާލުވެސް ނެރެމުންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ އިދާރާއިން އިލްތިމާސް ކުރައްވައެވެ.