ދިވެހިން އާންމުކޮށް ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކާޑުން މަހަކު ހެދޭ ޓްރާންސެކްޝަންތައް ނުވަތަ މުއާމަލާތްތައް ލިމިޓްކުރަން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ނިންމައިފިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން ބޭރު ފައިސާ ދޫކުރުމުގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުމަށްޓަކައި މިއީ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ބޭންކުގެ މަގްސަދަކީ ލިބޭ ބޭރު ފައިސާ ހުރިހާ ރައްޔިތުންގެ ބޭނުންތަކަށް ހަމަހަމަކޮށް ފޯރުކޮށްދިނުން ކަމަށްވާތީ، އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު ކުރެވޭނެ މުއާމަލާތުގެ އަދަދު ލިމިޓްކުރުމަށް ކަނޑައަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ބަދަލާއެކު އީ-ކޮމާސް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަހަކު 30 ޓްރާންސެކްޝަނަށް ވުރެ ގިނައިން މުއާމަލާތް ނުކުރެވޭނެ ގޮތަށް ބަދަލުވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އޮންލައިން ސައިޓްތަކުން މުދާ ގަންނަމުންދާކަމަށް ސީއީއޯ ޝަރީފް ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ބޭންކުން ބޭރުވާ ބޭރު ފައިސާގެ ބޮޑު ބައެއް މަދު ބައެއްގެ މައްޗަށް ބެހިގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭން ބޭރުން ރުފިޔާއިން ކުރާ ކޮންމެ މުއާމަލާތަކަށްވާ ޑޮލަރު ބީއެމްއެލްއިން ބޭރަށް ފޮނުވަންޖެހޭ ކަމަށެވެ.
"ރުފިޔާ ކާޑަކުން ރާއްޖޭން ބޭރުން ޚިދުމަތް ހޯދާއިރު ނުވަތަ އޮންލައިން ޕްލެޓްފޯމަކުން ޚިދުމަތް ހޯދާއިރު، ރުފިޔާ ބޭންކުން ވިއްކީމާ ޑޮލަރަށް ބަދަލުވެގެން ދާނެ، އޭރުން އަޅުގަނޑުމެން ބޭރަށް ޑޮލަރު ފޮނުވަން ޖެހޭނެ. މިފަދަ ހާލަތެއްގައި މަދު ބަޔަކު ގިނަ އަދަދަކަށް ޑޮލަރު ބޭނުންކުރާނަމަ، އެހެން ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި ދަތިތަކާ ކުރިމަތިވާނެ." ޝަރީފް ވިދާޅުވިއެވެ.
ރުފިޔާގެ ކާޑުތަކުން ކުރާ މިފަދަ މުއާމަލާތްތަކަށް ބަދަލު ގެނެވުނުނަމަވެސް، ޑޮލަރު ކާޑުތަކުގެ ލިމިޓަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށާއި، އެ ކާޑުތަކުން ބޭނުންވަރަކަށް މުއާމަލާތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، މަހަކު 30 ޓްރާންސެކްޝަނަށްވުރެ އިތުރަށް ޓްރާންސެކްޝަން ހަދާކަމަށް މިހާރު ފާހަގަވެފައިވަނީ %3 މީހުން ކަމަށެވެ. އަދި މިގެނެވުނު ބަދަލަކީ އީކޮމާސް ވިޔަފާރިކުރާ ފަރާތްތަކަށް ގެނެވޭ ހެޔޮބަދަލެއް ކަމަށްވެސް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.