މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކޮށް އެފަރާތްތަކަށް ދިމާވާ އެކި ބާވަތުގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މިހާތަނަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިގޮތުން ކުރައްވާފައިވާ އަދި މިހާރު ކުރެވެމުންދާ މުހިއްމު ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
މަސައްކަތްތެރިންގެ ދުވަހު ކުރިއަށްގެންދިޔަ ޚާއްސަ ހިނގަލުމުގައި ބައިވެރިވެވަޑައިގެން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުވާނެހެން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށެވެ. އަދި މަސައްކަތްތެރިންގެ އަގުވަޒަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ޢާއިލާތަކާއި ދުރުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އެރިސޯޓުތައް ކައިރިން ފަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ދިނުމަށް ކުރެވުނު މަސައްކަތަކީ އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ސަރުކާރުން ކުރެއްވި މުހިއްމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ސިވިލް ސަރވިސް މުވައްޒަފުންނާއި އެނޫންވެސް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައެއްހަމަކުރުމަށް ކުރެވުނު މަސައްކަތް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
"މަސައްކަތްތެރިންގެ އިޙްސާސްތަކާއި، އެސްޕްރޭޝަންތަކަށް ހައްލު އަންނާނެހެން، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުން. މަސައްކަތްތެރިންގެ ހައްގުތަކަށް ކުރެވޭ ކަންކަމާއި މަސައްކަތްތެރިންގެ ހައްގުތައް ވަނީ ޤައުމުގެ އިޤްތިޞާދާއި ގުޅިފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. އެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމަށްވެސް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.