ޚަބަރު

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްޢާން


  • އެމަޤާމުގައި ކުރިން ހުންނެވީ މުޙައްމަދު ޒިޔަތު

  • ލަމްޢާންވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކެއްގައި މީގެކުރިން މަސައްކަތްކުރައްވާފައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ލަމްޢާން ޢައްޔަންކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ފަރާތުން ލަމްޢާން އެމަޤާމަށް ޢައްޔަންކުރައްވާފައިވަނީ އެމަޤާމު ފުރުއްވަމުންގެންދެވި އިބްރާހިމް ޒިޔަތު އެމަޤާމުން ވަކިކުރުމަށްފަހުގައެވެ.

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި މުޙައްމަދު ލަމްޢާނަކީ ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގެވުމުގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާގެ އޮޕަރޭޝަންތައް ބެލެހެއްޓުމާއި ހިންގުން ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ މުހިންމު އެކި ކުންފުނިތަކުގެ އިސް މަޤާމުތައް ލަމްޢާންވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަޤާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަޤާމު ފުރުއްވައި، އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު މަސައްކަތްތަކެއްވަނީ ކުރައްވާފައެވެ.
ކޯޕަރޭޓް ގަވަރނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑަރޝިޕްގެ ދާއިރާއިން އޭނާއަށްވަނީ ގިނަ ދުވަސްތަކެއްގެ ތަކުރިބާއެއް ލިބިފައެވެ.

ލަމްޢާންވަނީ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލުކުރައްވާފައެވެ.