ޚަބަރު

40 އަހަރަށްވުރެ ދިގު ޚިދުމަތަކަށްފަހު މަނިކު ރިޓަޔަރކުރައްވައިފި


  • އެންމެފަހުން ހުންނެވީ ސީއެމްޑީއޭގެ ސީއީއޯގެ މަޤާމުގައި

  • އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރކަން 1993 އިން 2008 އަށް ކުރެއްވި

  • އޭނާއަކީ ޕެންޝަން އޮފީހުގެ ފުރަތަމަ ސީއީއޯ

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަދި ދައުލަތުގެ އެކި އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ މުޙައްމަދު ޙުސެއިން މަނިކު ރިޓަޔަރކުރައްވައިފިއެވެ.

މުޙައްމަދު ޙުސެއިން މަނިކު ރިޓަޔަރ ކުރެއްވިއިރު އެނާ ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯގެ މަޤާމުގައެވެ. ސީއެމްޑީއޭގެ އިތުރުން ދައުލަތުގެ މާލީ ދައިރާގެ އެކި މަޤާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މަޤާމުތައް އޭނާ ވަނީ ފުރުއްވާފައެވެ.

އޭނާ ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ސީއެމްޑީއޭއިން ކުރެއްވި ޕޯސްޓުގައި އެ އޮތޯރިޓީގެ ސީއީއޯގެ ހައިސީއްޔަތުން ކުރައްވާފައިވާ މަސައްކަތަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މުޙައްމަދު ޙުސެއިން މަނިކު ސީއެމްޑީއޭގެ ސީއީއޯ ކަމަށް އައްޔަން ކުރެވުނީ 2021 ވަނަ އަހަރުއެވެ. ސީއެމްޑީއޭއިން ވިދާޅުވީ ކެޕިޓަލް މާކެޓް ކުރިއެރުވުމަށާއި، ދެފުށް ފެންނަ، ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމުގައި އެ އޮތޯރިޓީގެ ދައުރު ވަރުގަދަކުރުމަށް ބޮޑެތި އެހީތެރިކަމެއް މުޙައްމަދު ޙުސެއިން މަނިކުގެ މޭސްތިރިކަމުގެ ދަށުން ލިބިގެން ގޮސްފައިވާ ކަމަށެވެ

މުޙައްމަދު ޙުސެއިން މަނިކު ދައުލަތައް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ، މާލީ ވުޒާރާގައި އޭރު ޤާއިމްކުރެވުނު ވޯލްޑް ބޭންކް އޭޑީބީ އަދި އައިއެމްފްއެފް ޔުނިޓުގައެވެ. ލުބުނާނުގެ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރުތުގައި މަތީ ތަޢުލީމު ހާސިލްކުރެއްވުމަށް ފަހު ވަޑައިގެން އަލުން މާލީ ވުޒާރާއި ގުޅިވަޑައިގެންނެވިއެވެ. އޭގެ ފަހުން އެފްޕީއައިޑީ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވުމަށް ފަހު 1993 ވަނަ އަހަރު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވިއެވެ. އޭނާ އެ މަޤާމުގައި 2008 ވަނަ އަހަރު ވަންދެން ޚިދުމަތް ކުރެއްވިއެވެ. މިމުއްދަތުގެ ދައުލަތުގެ އެކި ކުންފުނިތަކުގެ ޑިރެކްޓަރުން ބޯޑުގައި މަސައްކަތް ކުރައްވާފައިވެއެވެ.

މުޙައްމަދު ޙުސެއިން މަނިކުގެ ޚިދުމަތް ދެން ފެނިގެން ދިޔައީ އަލަށް އުފެދުނު ޕެންޝަން އޮފީހުގެ ސީއީއޯގެ ހައިސީއްޔަތުންނެވެ. އެމަޤާމާއި އޭނާ ހަވާލުވެވަޑައިގަތީ، 2009 ވަނަ އަހަރުއެވެ. މިހާރު ފެންނަ ޒަމާނީ ޕެންޝަން ނިޒާމު ޤާއިމްކުރުމުގައި އިސްދައުރެއް އަދާކުރެއްވި ހުސެއިން މަނިކު އެ މަޤާމު 2019 ވަނަ އަހަރާއި ޖެހެންދެން ފުރުއްވާފައިވެއެވެ.

ދައުލަތައް ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުޙައްމަދު ޙުސެއިން މަނިކުގެ ވަނީ މީގެ ކުރިން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.