މިއަދުން ފެށިގެން ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރު ކުރެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވަނީ، ދިވެހިރާއްޖެއާއި އަޒަރުބައިޖާން އާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފެށުމާއެކު، އޯރޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން ނުވަދިހަ ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މަޑުކުރެވޭނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަން ޖެހޭނެއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ، ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާންއަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ދިޔަ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސާފައިވާއިރު، 2024 ވަނަ އަހަރު ވަނީ ދެ ޤައުމުގެ ދެމެދު ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި ގުޅޭ އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ. އަދި ޤައުމީ އެއާލައިން މޯލްޑިވިއަންއިން އަޒަރުބައިޖާން އެއާލައިނާއެކު އިންޓަރލައިން ޕާޓްނަރޝިޕްއެއްވެސް ވަނީ އެކުލަވާލާފައެވެ.