އަންނަ އަހަރު ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމައްޓަކައި މިހާރު މުޅި ރާއްޖޭގައި ކިރިއަށްދާ ރީޖަނަލް ލީގު ކޮލިފައިންގަ ސެންޓްރަލް ލީގު ޒޯން 2 ގެ ޗެންޕިއަންކަން ކުޑަހުވަދޫ ހޯދިއިރު ނޯތު ލީގު ޒޯން 1ގެ ޗެންޕިއަން ކަން ހދ.ހަނިމާދޫ ހޯދައިފިއެވެ.
މުބާރާތުގައި ސެންޓްރަލް ލީގު ޒޯން 2 ގެ ފައިނަލް މެޗު ދ. މީދޫއާ ބައްދަލުކޮށް ދ. ކުޑަހުވަދޫއިން ކާމިޔާބުކުރިއިރު، ނޯތު ލީގު ޒޯން 1 ގެ ފައިނަލް، ހދ. ހަނިމާދޫ ކާމިޔާބު ކުރީ ހއ. ދިއްދޫއާ ވާދަކޮށެވެ. މި ދެމެޗުގެ ނަތީޖާވެސް ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ނޯތު ލީގުގެ ފައިނަލް މެޗުގައި، ދެ ޓީމުންވެސް ވަނީ މެޗުގެ ކުރީކޮޅު ގޯލުޖަހާފައެވެ. އެހެންކަމުން މެޗު ފެށިގެންދިޔައީވެސް ވަރަށް ފޯރީގައެވެ. މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ، މެޗުގެ 42 ވަނަ މިނެޓުގައި ހަނިމާދޫއަށް ލިބުނު ހިލޭޖެހުމަކުން އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރުމާއެކުއެވެ. މިއާއެކު، މެޗުގެ ނަތީޖާ އަލުން އެއްވަރު ކުރުމަށް ދިއްދޫއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 4 މިނެޓުގައިވެސް މިކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ދިއްދޫއިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައި ވަނީ މެޗުގެ 59 ވަނަ މިނެޓުގައެވެ. އެ ޓީމުން މި ލަނޑު ކާމިޔާބުކޮށްފައި ވަނީ، ހަނިމާދޫ ކީޕަރު އަތުން ދޫވި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗު ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ދިއްދޫއިން ވަނީ އިތުރު ގޯލެއް ޖަހައި، މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް ދިއްދޫގެ އުފާފާޅުކުރުން މަޑުޖައްސާލަން ޖެހުނީ އޭގެ އެންމެ 4 މިނެޓު ފަހުން ހަނިމާދޫއިން އަނެއްކާވެސް މެޗުގެ ނަތީޖާ އެއްވަރު ކުރުމުންނެވެ.
މި ގޯލާއެކު މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ހަނިމާދޫއިން ޝޫޓްއަޓް ކާމިޔާބުކުރީ 8-6 ގެ ނަތީޖާއަކުންނެވެ.
ސެންޓްރަލް ލީގަށް ބަލާއިރު، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
ކުޑަހުވަދޫއިން 47 ވަނަ މިނެޓުގައި މެޗުގެ ލީޑު ނެގިނަމަވެސް މީދޫއިން ވަނީ މެޗުގެ 57 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުޑަހުވަދޫއިން ކުރިހޯދީ 4-6 އަކުންނެވެ.
މި މުބާރާތުގެ ނޯތު ރީޖަންގައި ވާދަކުރާނީ ރީޖަން ޒޯން 1ގެ ޗެމްޕިއަން ހަނިމާދޫ އާއި ރަނަރަޕް ދިއްދޫގެ އިތުރުން މި ރީޖަންގެ ޒޯން 2ގެ ޗެމްޕިއަން މަނަދޫ އާއީ އޭދަފުއްޓެވެ. ނޯތު ރީޖަންގެ މެޗުތައް ކުރިއަށް ދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ނޯތު ރީޖަންގެ ކުޅުން ފަށާނީ އަންނަ މަހު 2ގަ ހަނިމާދޫ އާއި މަނަދޫ މެޗުންނެވެ.
މުބާރާތުގެ ސެންޓްރަލް ރީޖަން ވެސް ފެށުމަށް ހަމަޖެހިފަވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި ބުރުގައި ވާދަކުރަނީ ސެންޓްރަލް ލީގުގެ ޒޯން 1ގެ ޗެމްޕިއަން ހުރާ އާއީ މަހިބަދޫގެ އިތުރުން ޒޯން 2ގެ ޗެމްޕިއަން ކުޑަހުވަދޫ އާއި މީދޫއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ހުރާ އާއި ކުޑަހުވަދޫ މެޗުންނެވެ.