މީޑިއާއަކާއި ގުޅިގެން މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމަކާއި ގުޅޭގޮތުން ފިޔަވަޅު އަޅާނީ ދެ ފުށް ފެންނަ ތަހުގީގަކަށްފަހުކަމަަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މީޑިއާއެއްގެ ކޮންޓެންޓާއި ގުޅިގެން ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމަށް މިހާރު ވަނީ ޤަވާއިދެއް އެކުލަވާލާފައެވެ.
މިޤަވާއިދުގެ ދަށުން އެކޮމިޝަނަށް ކޮންޓެންޓާއި ގުޅޭ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އޮންނާނެއެވެ. ޤަވާއިދުގައި ބްރޯޑްކާސްޓަރުންނަށް ޚާއްސަ ފިޔަވަޅުތަކާއި ނޫސް މަޖައްލާތަކަށް ޚާއްސަ ފިޔަވަޅުތަކުގެ އިތުރުން ނޫސްވެރިންނަށް ޚާއްސަ ފިޔަވަޅުތައް ހިމެނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް މީޑިއާ ކޮމިޝަން، އެމްއެމްބީސީގެ ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛާ ސަނިއްޔާ ހުސައިން ވިދާޅުވީ، އެކޮމިޝަނަށް އެއްވެސް މައްސަލައެއް ހުށަހެޅިއްޖެނަމަ ޤާނޫނުގައިވާ ގޮތުގެ މަތިން އެ މައްސަލައެއް ވަރަށް ރަނގަޅަށް ބަލާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ނިންމުންތައް ނިންމުމުގެ ކުރިން ވަރަށް ގިނަ ކަންކަމަށް ބަލާނެ. މިސާލަކަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި ކޮންޓެންޓް ދިރާސާ ކުރުމުގެ ބައި ކުރިއަށްދާނެ. ދިރާސާ ކުރުމަށް ފަހު އިދާރާތަކުގެ އެހީވެސް ހޯދާނެ، އަދި އިދާރާއަކުން އޮޅުންފިލުވަންޖެހޭ ކަންތައް އޮޅުންފިލުވާ ސުލޫކީ މިންގަނޑާއި ޚިލާފުވޭތޯ ބަލާނެ. އެއަށްފަހު ޚިލާފުވާ މިންވަރާއި ގުޅޭގޮތުން ފިޔަވަޅު އަޅާނެ. އެމައްސަލަ ރަނގަޅަށް ތަހުޤީޤު ކުރެވިގެން ފިޔަވަޅު އަޅާނީ " ސަނިއްޔާ ވިދާޅުވިއެވެ.
މީޑިއާ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ކޮމިޝަނުން ބެލުމާއި މެދު ގޮތެއް ނިންމާ އެމައްސަލަ ތަހުޤީޤު ކުރާނެއެވެ. އެގޮތުން 30 ދުވަހުގެ ތެރޭގައި މައްސަލައާ މެދު ގޮތެއް ނިންމާ ފިޔަވަޅު އަޅަންޖެހޭ ހާލަތެއްގައި އެކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެމީޑިއާއަކާއި މެދު އަޅާނެ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.
އަދި މީޑިއާއަކުން އާންމު ކުރާ ކޮންޓެންޓާއި މެދު ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި އެކަމާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް އެމްއެމްބީސީން ވަނީ ވިދާޅުވެފައެވެ. ކޮމިޝަނުން މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހަކުން ޝާޢިއު ކުރި ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި ނެރުއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި މީޑިއާ ކޮމިޝަނުން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ މިނިވަންކަމެއް ކަމަށެވެ. އަދި އެކޮމިޝަނަކީ މިނިވަންކަން ވީހާވެސް ފުޅާދާއިރާއެއްގައި ތަރައްޤީކޮށް ދެމެހެއްޓުމަށް ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން އެކޮމިޝަނުގެ ޤާނޫނުން ބާރުލިބި އެކަން މަތިކޮށްފައިވާ ޤާނޫނީ ޝަޙްސުކަން މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ފުލުހުންގެ އިދާރާއިން ހިންގާ ތަހުޤީޤެއް ކުރިއަށްގެންދަންޖެހޭ ގޮތް ކަނޑައެޅުމުގެ ބާރު އެކޮމިޝަނަށް ލިބިފައިނުވާކަމަށް އެމްއެމްބީސީން ވިދާޅުވިއެވެ.
އެއްވެސް މީޑިއާއަކުން އާންމުކޮށް ޝާއިޢުކުރާ ކޮންޓެންޓާއި ގުޅިގެން އިދާރީ ފިޔަވަޅު އަޅަންޖެހިއްޖެނަމަ އެކަން ތަންފީޒު ކުރުމުގެ ޒިންމާ އަދާކުރާނެކަމުގެ ޔަޤީންކަން އެމްއެމްބީސީންވަނީ ދެއްވާފައެވެ.