ޚަބަރު

ތަށި ހިއްލާލި ޖޭއެސް މުބާރާތަށް ނުކުތީ އެންމެ 6 ކުދިންނާއެކު


  • ކުޅުންތެރިން މަދު ނަމަވެސް ޓީމުގެ އެއްބާރުލުން ބޮޑުކަމަށް ކޯޗު ފާހަގަކުރި

  • ޖޭއެސްއިން މުބާރާތުގެ ތަށި ހިއްލާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ

މިދިޔަ ހޯމަ ދުވަހު ނިމުނު ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޖަމާލުއްދީން ސްކޫލުން ހޯދީ އެންމެ ހަ ކުދިންނާއިއެކު ނުކުމެ ކުރެވުނު ހިތްވަރުންކަމަށް އެޓީމުގެ ކޯޗު އިސްމާއީލް ނަޒްވާން ބުނެފިއެވެ.

މުބާރާތުގެ ޗެންޕިއަން ޓީމުގެ ޝަރަފު ހޯދުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޒުވާން ކޯޗު ބުނީ މުބާރާތަށް ތައްޔާރުވުމުގައި ގިނަ ދަތިތަކެއް ދިމާވިކަމަށެވެ. މިދުވަސްވަރަކީ ޖޫނިއާ އުމުރުފުރާގެ ގިނަ މުބާރާތްތަކެއް ކުރިއަށްދާ ދުވަސްވަރަކަށްވުމުން ކުރިކެޓް ޓީމަށް ކުދިން ލިބުމުގައި ގޮންޖެހުންތަކެއް ދިމާވިކަން ފާހަގަކުރަމުން ކޯޗު ބުނީ މުބާރާތަށް އެންމެ ފުރަތަމަ ނުކުތީ އެންމެ ހަ ކުދިން ހިމެނޭ ޓީމަކާއި އެކުކަމަށެވެ.

"އިންޓަރ ސްކޫލް މުބާރާތުގައި ޖަމާލުއްދީނުން އެންމެ ފުރަތަމަވެސް ކުޅުނީ ހަ ކުދިން ލައިގެން. ވަރަށް ގިނަ މަސައްކަތްކޮށްގެން އެންމެ ފަހު މެޗަށް އިރާދަކުރެއްވިއްޔާ އައިސްގެން ޗެންޕިއަންކަން ހޯދީ ބާރަ ކުދިން ލައިގެން" ކޯޗް ބުންޏެވެ.

ކުދިން މަދުވުމުގެ ސަބަބުން ސްކޫލުން އޭރު ވިސްނުންހުރީ މުބާރާތުގައި ވާދަނުކުރުމަށްކަމަށްވިޔަސް، ސްކޫލުގެ ވެރިންނާއި ކުދިންނާއި ދެމެދު ވާހަކަދެކެވި އެންމެ ފަހުން މުބާރާތުގައި ވާދަކުރުމަށް ނިންމީކަމަށް ނަޒްވާން ބުނެފަވެއެވެ. ނަޒްވާން އިސްނަގައިގެން ކުރި މަސައްކަތަށް ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިން އަދި ކުދިންގެ ފަރާތުން ލިބުނު އެއްބާރުލުގެ ނަތީޖާއަކީ މުބާރާތުގެ ޗެންޕިއަނުންގެ ޝަރަފު ލިބުންކަމަށް ކޯޗު ފާހަގަކުރިއެވެ.

ހަގު އުމުރުފުރާތަކަށް ބާއްވާ މިފަދަ މުބާރާތްތަކުގެ ސަބަބުން ކުރިކެޓްގެ މުސްތަގުބަލު އުޖާލާވާނެކަމަށް ނަޒްވާން ފާހަގަކޮށްފަވެއެވެ. މިމުބާރާތުންވެސް ހުނަރުވެރި އެތައް ކުދިންނެއް ފާހަގަވެއްޖެކަމަށާ އުންމީދަކީ ކުރިކެޓަށް ޒުވާން އައު ކުޅުންތެރިންތަކެއް ލިބި، ޒުވާން ގައުމީ ޓީމެއް އުފެދިގެން ދިއުންކަމަށް އޭނާ ބުނެފަވެއެވެ.

"މިކަހަލަ މުބާރާތުން ހުރިހާ ކުދިންނަށް ކަންކަން ދަސްވަނީ. ކުދިންނަށް ވަނަތައް ލިބިގެންދަނީ. އަޅުގަނޑުމެންގެ ސްކޫލުން މިފަހަރު ގާތްގަނޑަކަށް އަށްވަރަކަށް ކުދިން ލައިގެން ނުކުމެ ޗެންޕިއަންކަން މި ހޯދީ. އެހެންވީމަ މިއީ ވަރަށް ރަނގަޅު ކާމިޔާބެއް" ނަޒްވާން ބުންޏެވެ.

ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޖަމާލުއްދީން ސްކޫލުން ހޯދާފައިވަނީ ރެހެންދި ސްކޫލާއި ވާދަކޮށް 10 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ޖޭއެސްއިން މުބާރާތް ނިންމާލާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނައިގައި އޮވެއެވެ. މިމަހުގެ 19 އިން 27 ގެ ނިޔަލަށް މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކޯޓުގައި ކުރިއަށް ދިޔަ މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ޖޭއެސްގެ ދެ ކުޅުންތެރިޔަކު ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ.