ޚަބަރު

ކުށް ތަކުރާރުކުރާ މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު މީޑިއާ ކޮމިޝަނަށް


  • ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ނޫސް މަޖައްލާ އަދި ނޫސްވެރިންނަށްވެސް ފިޔަވަޅުއެޅޭނެ

  • ފިޔަވަޅު އަޅާނީ ކުށް ތަކުރާރުވާނަމަ

  • މިޤަވާއިދުގެ ދަށުން ބޮޑެތި ބާރުތަކެއް ވަނީ ކޮމިޝަނަށް ދީފައި

މީޑިއާއަކުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ތަކުރާރުކޮށް ޚިލާފުވާ މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިދޭގޮތަށް ގަވާއިދެއް އެކުލަވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދުގެ ނަމުގައި އެކޮމިޝަނުން މިއަދު ވަނީ ގަވާއިދެއް ގެޒެޓްކޮށްފައެވެ.

މި ޤަވާއިދަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށައެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކޮމިޝަނުން ފިޔަވަޅު އެޅުމުގެ ހަމަތައް ބަޔާންކުރުމުގެ ގަވާއިދުކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި މި ޤަވާއިދާއެކު ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކާއި ޝަކުވާތައް ބަލައިގަތުމާއި އެމައްސަލައެއް ކުރިއަށްގެންދާނެ ސާފު އިޖުރަޢާތުތަކެއް ކަނޑައެޅި ދެފުށް ފެންނަ އިންސާފުވެރި ނިޒާމެއްގެ ތެރެއިން މައްސަލަތައް ތަޙުގީގުކޮށް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ޤާނޫނާއި ގަވާއިދާ ޚިލާފުވާ ޙާލަތްތަކުގައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެނގުމުގެ ބާރުވެސް މިޤަވާއިދުގެ ދަށުން ކޮމިޝަނަށް ލިބިދެއެވެ.

އެގޮތުން ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އެފަދަ މައްސަލައެއް ތަކުރާރުކުރާނަމަ ފަންސާސްހާސް ރުފިޔާއާއި ދެލައްކަ ފަންސާސްހާސް ރުފިޔާއާއި ދެމެދުގެ ޢަދަދަކު ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބެއެވެ. އަދި އެފަރާތަކުން ގެނެސްދޭ ކޮންޓެންޓަކީ، އިސްލާމްދީނާއި ޤައުމީ ސަލާމަތާއި އާންމު ނިޒާމަށް ނުވަތަ އާންމު ސިއްޙަތަށް އޮތް ނުރައްކަލެއްކަމަށް ބެލެވޭ ޙާލަތްތަކުގައި، ދައުލަތުގެ ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް ކޮންޓެންޓް ބްރޯޑްކާސްޓްކުރުވުން ހުއްޓުވުމުގެ ބާރާއި، ކޯޓު އަމުރެއްގެ ދަށުން ފުލުހުން މެދުވެރިކޮށް އެތަނަކުން ޚިދުމަތްދިނުމުގައި ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމުގެ ބާރުވެސް ކޮމިޝަނަށް ވަނީ ލިބިދީފައެވެ.

މިގަވާއިދުގެ ދަށުން ނޫސް މަޖައްލާތަކުން ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފު ކޮންޓެންޓް އުފައްދާ އެކަން ތަކުރާރުކުރާނަމަ، 5000 ރުފިޔާއާއި އެއްލައްޔަ ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރާނެއެވެ. ހަމައެއާއެކު ނޫހަކުންވެސް، އިސްލާމްދީނާއި ޤައުމީ ސަލާމަތާއި އާންމު ނިޒާމަށް ނުވަތަ އާންމު ސިއްޙަތަށް އޮތް ނުރައްކަލެއްކަމަށް ބެލެވޭ ޙާލަތްތަކުގައި، ދައުލަތުގެ ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް ކޮންޓެންޓް އާންމުކުރުން ހުއްޓުވުމުގެ ބާރުވަނީ ލިބިދީފައެވެ.

މިގަވާއިދުގެ ދަށުން މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ ބާރުވަނީ ލިބިދީފައެވެ. އެގޮތުން އެމީހަކު ކުރިކަމެއް ރަނގަޅުކުރަން އެނގުމާއި އާންމުކޮށް މާފަށް އެދުމާއި ކުށުގެ އިސްލާޙު އާންމުކުރުން ނުވަތަ ކޮށްފައިވާކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމުކުރުމަށް އެންގުން ހިމެނެއެވެ. އަދި މިގޮތުން އަޅާ ފިޔަވަޅުތަކަށް ތަބާނުވާ ޙާލަތްތަކުގައި ފިޔަވަޅު ހަރުކަށިކުރުމުގެ އިޚްތިޔާރުވެސްވަނީ މިގަވާއިދުން ކޮމިޝަނަށް ލިބިދީފައެވެ. މީގެއިތުރުން މިގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭ ފަރާތްތަކުގެ ދަފްތަރެއް ކޮމިޝަނުން ބަލަހައްޓަންޖެހެއެވެ.
މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރުމާއި ގުޅިގެންވަނީ އަމަލުކުރަން ފަށާފައެވެ.