ޚަބަރު

ނޫސްވެރިންނަކީ ޒިންމާދާރު ބަޔަކަށް ވާންޖެހޭ: ވަޒީރު ޝިޔާމް


  • މިސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނައަޅާނެ

  • ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ

ނޫސްވެރިންނަކީ ދޮގު ޚަބަރު ފަތުރާ ބަޔަކަށްވުރެ މާ ތަހުޒީބު، މާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކެއްކަމަށެވެ. ހަމަ މި ޙައްޤުތަކާއެކީ ޒާތީ ދިރިއުޅުމުގެ ޙައްޤާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤަކީވެސް ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކެއްކަމަށް ވިދާޅުވިއެވެ.

މިޙައްޤުތައް ކަށަވަރުވުމުގައި ޤައުމުގެ ވަލިއްޔުލްއަމްރު އިސްތިސްނާވެގެން ނުވާކަމަށާއި އަދި މިޙައްޤުތަކާއި މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫންކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޤަޛްފާއި ޒިނޭއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ 7 އުޑުމަތިން ބާވައިލެއްވި އިސްލާމީ ޝަރީޢަތުގައި އެކަންކަން ސާބިތުކުރުމަށް ހެކީގެ ވަކި ޚާއްސަ މިންގަނޑެއް ކަނޑައަޅައި، ޙައްދު ކަނޑައަޅާފައިވާ ކުށްތަކެއްކަމަށާއި އަދި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެއް މަޤްސަދެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމަށްވާއިރު، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ޚާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެފަދަ ކަންކަމަށް ތަރުހީބު ދޭނެ މުޖުތަމަޢެއްވެސް ނޫންކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ނޫސްވެރިންނަކީ އެފަދަ ފާހިޝް ހުތުރު ކަންކަމަށް ހިތްވަރުދޭ، ދޮގު ޚަބަރު ފަތުރާ ބަޔަކަށްވުރެ މާ ތަހުޒީބު، މާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ސަރުކާރެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޚުދު ރައީސަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރަކީ އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް އެންމެ ފުޅާ ދާއިރާގައި ތަރުޙީބު ދޭނެ ސަރުކާރެއްކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވޭއިރު، މިކަން ނުހުއްޓުވައިފިނަމަ މާދަމާ މިކަމުގެ ޝިކާރައަކަށް ކޮންމެ ބޭފުޅަކުވެސް ވެދާނެކަމަށެވެ. އެހެންކަމުން، ނޫސްވެރިކަމަކީ ސާބިތު ހިފޭ ހެކިތަކުގެ މައްޗަށް ރައްޔިތުންނާ ހަމައަށް ތެދު މަޢުލޫމާތު ގެނެސްދޭ މަސައްކަތަކަށް ވާންޖެހޭނެކަމަށާއި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ ޙައްޤުތަކާއި މިނިވަންކަން ނަގާލައި، އަބުރު ކަތިލެވޭ ހިސާބަށް ވެގެން ނުވާނެކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.