ކ. މާފުށީގައި ކުރިއަށްގެންދިޔަ މާރަނގަ މާކެޓަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ.
މާރަނގަ މާކެޓަކީ، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ކުރިއަށްގެންދިޔަ މާކެޓެކެވެ.
މާފުށީ ކައުންސިލާ، މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (އެމްއެލްއޭސީ)އާއި ބީސީސީ ގުޅިގެން ކުރިއަށްގެންދިޔަ މާރަނގަ މާކެޓަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އިސްތިހާރުކޮށް ވިއްކުމުގެ ފަހި ފުރުސަތެއް ވިޔަފާރިތަކަށް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
އެގޮތުން، މި ހިނގާ އެޕްރީލްމަހުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު މި މާކެޓް މާފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިމަހުގެ 23 އިން 25އަށް ކުރިއަށްގެންދިޔަ މި މާކެޓް އޮތީ ކޮންމެ ދުވަހެއްގެ ހަވީރު 4:00އިން ރޭގަނޑު 11:00އަށެވެ.
މިމާކެޓުގައި ވިޔަފާރިތަކަށް 12 ކިއޮސްކު ދޫކޮށްފައިވެއެވެ. އެއީ މާފުށީގެ ވިޔަފާރިތަކަށް 4 ކިއޮސްކާއި މާލޭގެ ބައެއް ވިޔަފާރިތަކަށް 8 ކިއޮސްކެވެ. މި ކިއޮސްކުތަކުގައި ތަފާތު އެކި ބާވަތްތަކުގެ ތަކެތި ހިމެނޭއިރު އޭގެ ތެރޭގައި ކާބޯތަކެއްޗާއި ޕޭސްޓްރީއާއި އަތްތެރި މަސައްކަތުގެ ތަކެތިވެސް ހިމެނެއެވެ.
މިމާކެޓުގައި ބައިވެރިވި ބައެއް ވިޔަފާރިތަކުންވަނީ މިފަދަ މާކެޓެއް ބޭއްވުމަކީ ރާއްޖޭގައި އުފައްދާ ތަކެތި މާކެޓް ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މާފުށީގެ ކުރިއަށްގެންދިޔަ މާރަނގަ މާކެޓަށް ޒިޔާރަތްކޮށް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އެ މާކެޓްގެ ބައިވެރިންނާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުން އަޑުއައްސަވާފައެވެ.
މި ޒިޔާރަތުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މާފުށީގައި ކުރިއަށްގެންދާ މާރަނގަ މާކެޓަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ދެވޭ ބޮޑު ފުރުސަތެއްކަމަށެވެ. އަދި އެކަންކަމަށް ފަތުރުވެރިންގެ ޝައުޤުވެރިކަން ބޮޑުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ވަރަށް އުފާވި ހަގީގަތުގަ ޚާއްސަކޮށް އަންހެން ބޭފުޅުން އެބަތިއްބެވި ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން ފެރީން މާފުއްޓަށް ވަޑައިގެން އަމިއްލަފުޅަށް ހުރިހާ އެއްޗެއް ހިއްޕަވައިގެން މިކަން މި ކުރައްވަނީ. އެންމެ ބޮޑު އުފަލަކީ މިކަމުގަ ޓުއަރިސްޓުން މިކަން ބަލައިގަންނަކަން އަދި މި ރަށުގެ ރައްޔިތުންނާއި މި ރްށަށް ޒިޔާރަތްކުރާ ރައްޔިތުންވެސް މިކަން ބަލައިގަންނަކަން." ވަޒީރު ވިދާޅުވިއެވެ.
ކ. މާފުށްޓަކީ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ރަށަކަށްވެފައި، މިފަދަ މާކެޓެއް އެރަށުގައި ކުރިއަށް ގެންދިއުމުގެ ފައިދާ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބީސީސީން ޤަބޫލުކުރައްވައެވެ.