ޚަބަރު

ޕެލޭ ދަނޑުގައި ހުރާ އައްޑަނަ އުފުލާލައިފި


  • ހުރާއިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުން

  • ފަރަގު ބޮޑު ކުރުމަށް ހުރާއަށް ގިނަ ފުރުސަތުތަކެއް ލިބުނު

މަހިބަދޫ ބަލިކޮށް، ހުރާއިން ސެންޓްރަލް ރީޖަން ޒޯން 1 ގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ހުރާއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.

މަހިބަދޫގެ ޕެލޭ ސްޓޭޑިއަމްގައި ހުރާއިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މުޙައްމަދު ފަވާޒެވެ. އޭގެ މާ ގިނައިރެއްނުވެ ހުރާއަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހުރާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި ހުރާއަށް މި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މުޙައްމަދު ތަސްމީނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ލަނޑާއެކު 0-2 ގެ ނަތީޖާއަކުން ހުރާ ކުރީގައި އޮވެގެންނެވެ.

ހުރާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 59 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ބިދޭސީ ކުޅުންތެރިޔާ، އެސިއެރ ގޮމެސް އަލްވަރެޒް އެވެ. މިއީ މަހިބަދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ހުރަސްކޮށްދިން ވަގުތު ހުސްކޮށް ހުރެފައި ވަރަށް ފަސޭހަކަމާއެކު އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ތިންވަނަ ލަނޑު ޖެހުނު ހިސާބުން ހުރާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން، މެޗުގެ ސްޕީޑް ލަސްކުރަން މަސައްކަތްކުރި މަންޒަރެވެ. މެޗުގެ ފަރަގު އިތުރުކުރުމަށް ހުރާއަށް މެޗުގެ ފަހުކޮޅު ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ.

މި ރީޖަންގެ ޒޯން 2ގައި އިއްޔެ ފ. ނިލަންދޫއާ ވާދަކުރި ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް، ދ. މީދޫ އިން ވަނީ ޒޯންގެ ފައިނަލަށް ގޮސްފައެވެ. މި ޒޯންގެ ދެވަނަ ސެމީގައި މ. މުލަށް ޕެނެލްޓީގަ ބަލިކޮށް ކުޑަހުވަދޫ ވަނީ ޒޯންގެ ފައިނަލުން ޖާގަހޯދާފައެވެ. މި ޒޯންގެ ފައިނަލުގަ ވާދަކުރާނީ ދ. އަތޮޅު ދެ ޓީމެވެ.