ޚަބަރު

މިދިޔަމަހު މަސް އެކްސްޕޯޓުުކުރި މިންވަރު %35 އިތުރު


  • 51 މިލިޔަން ރުފިޔާގެ ދަޅުމަސް އެކްސްޕޯޓުކުރި

  • މިއީ %75 އިތުރު އަދަދެއް

މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއިން ވަނީ 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައެވެ. މިއަހަރުގެ ފެބުރުވަރީމަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 51 މިލިޔަން ރުފިޔާގެ މަހެވެ. އެހެންކަމުން މަހުން މަހަށް ބަލާއިރު މަސް އެކްސްޕޯޓުކުރި މިންވަރު ވަނީ %35 އިތުރުވެފައެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓުކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލިއެވެ. އެގޮތުން ކަޅުބިލަމަސް ގަނޑުކޮށްގެން، ތާޒާކޮށް، އަދި ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓުކުރެއެވެ. ކަސްޓަމްސްއިން ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗުމަހު ރާއްޖެއިން ދަޅުގައި ބަންދުކޮށްގެން ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރު ވަނީ %75 އިތުރުވެފައެވެ. އެގޮތުން ފެބުރުވަރީމަހު މި އަދަދު ހުރީ 29 މިލިޔަން ރުފިޔާގައެވެ. މިއަދަދު މާރިޗު މަހު ވަނީ 51 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.

މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތައް

-ދަޅު މަސް: 51 މިލިޔަން ރުފިޔާ
-ގަނޑުކުރި ކަޅުބިލަ މަސް: 8 މިލިޔަން ރުފިޔާ
-ތާޒާ ކަންނެލި މަސް: 6 މިލިޔަން ރުފިޔާ

ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.