ޚަބަރު

މިދިޔަ އަހަރު ގެވެށި އަނިޔާގެ 1193 މައްސަލަ


  • ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް 14 އަހަރު

  • ގެވެށި އަނިޔާއަކީ ޢާއިލީ މައްސަލަތަކެއްގެ ގޮތުގައި ރިޕޯޓުނުކޮށް ތިބުން ބަދަލުވަނީ

  • އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ލިބުމާއި ހަމައަށްކުރާ ދަތުރު ވީހާވެސް ލުއިކޮށްދޭންޖެހޭ

މިދިޔަ އަހަރު ގެވެށިއަނިޔާގެ 1100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެއޮތޯރިޓީއަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށައަޅަނީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 900 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް އެއޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން އާންމުން ދެކޭގޮތް އަންނަނީ ބަދަލުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުން ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ގެވެށި އަނިޔާގެ 1193 މައްސަލަވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކޮށްފައެވެ.

މީގެތެރެއިން 901 މައްސަލައަކީ އަންހެނުންނަށް ކޮށްފައިވާ އަނިޔާގެ މައްސަލަކަމަށާއި، 197 މައްސަލައަކީ އަންހެން ކުދިންނަށް ކޮށްފައިވާ އަނިޔާގެ މައްސަލަތަކެވެ. މީގެއިތުރުން 239 މައްސަލައަކީ ފިރިހެނުންނަށް އަދި 188 މައްސަލައަކީ ފިރިހެން ކުދިންނަށް ގެވެށިއަނިޔާ ލިބިގެން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ.

މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނަފްސާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ނަފްސާނީ އަނިޔާގެ 927 މައްސަލަ ހުށައަޅާފައިވާއިރު ޖިސްމާނީ އަނިޔާގެ 743 މައްސަލައާއި ބިރުދެއްކުމުގެ 515 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އަދި ޓެކްނޮލޮޖީ-ފެސިލިޓޭޓެޑް" އަނިޔާ ނުވަތަ ޓެކްނޮލިޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުންނަށާއި އަންހެން ކުދިންނަށް އަނިޔާކުރުމުގެ 106 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.

މިފަދަ މައްސަލަތަކުގައި 18 އަހަރުން މަތީގެ އަންހެނުންނަށް އަނިޔާކޮށްފައިވަނީ ކުރީގެ ފިރިމީހާއާއި މިހާރުގެ ފިރިމީހާ އަދި ކުރީގެ ލޯބިވެރިޔާގެ ފަރާތުން ލިބިފައިވާ އަނިޔާގެ މައްސަލަތަކެވެ. އަދި 18 އަހަރުން ދަށުގެ އަންހެން ކުދިންނަށް މިބާވަތުގެ އަނިޔާ ގިނައިން ދިފައިވަނީ ބައްޕައިންގެ ފަރާތުންކަމަށް އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭކަމަށް އެފްޕީއޭއިން ވިދާޅުވެއެވެ. މިގޮތުން އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، މާލީގޮތުން ފުދުންތެރިކަން ނުހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.

އަނިޔާގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އަނިޔާ ކުރާ ފަރާތްތައް ހުއްޓުވުމަށް އެފަރާތްތަކަށް ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2012 ވަނަ އަހަރު ތަސްދީޤުކޮށް ޢަމަލުކުރަން ފަށާފައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއެކު ބަދަލެއް އަންނަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރައްވައެވެ.

އެހެންނަމަވެސް ދައުލަތުގެ ކަމާ ގުޅުންހުރި އެކި ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް މިހާރަށްވުރެ ހަރުދަނާވާންޖެހޭއިރު، އަނިޔާ ލިބޭ ފަރާތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ނިޒާމުގެ ތެރެއިން އެކަމުގައި އިންސާފާއި ހަމައަށް ދެވޭނެގޮތެއް ހަމަޖައްސަންޖެހެއެވެ. ޤާނޫނާއެކު މިވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ހޭލުންތެރިކަން އިތުރުވެ ކުށުގެ ރިޕޯޓުކުރާ މިންވަރުވަނީ އިތުރުވެފައެވެ.