ޚަބަރު

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ނައިބަކަށް ޙާނިމް


  • އެތުލީޓެއްގެ ގޮތުގައި ޤައުމު ތަމްސީލުކުރި ހާނިމް އަކީ ކުޅިވަރު ޚިދުމަތްތެރިއެއް

  • ރާއްޖެއަށް ސްކޭޓިން ތައާރަފްކުރުމުގައި ހާނިމްގެ ދައުރު ބޮޑު

ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް، ސްޓޭޓް މިނިސްޓަރުގެ ފެންވަރަށް މުހައްމަދު ހާނިމް އައްޔަނުކުރައްވައިފިއެވެ.

ރާއްޖޭގެ ކުޅިވަރު އާއިލާގެ ލޯތްބާއި އިޚްތިރާމް ހޯއްދަވާފައިވާ ހާނިމް އަކީ ގިނަ ކުޅިވަރުތަކަކަށް އޭނާގެ އެހީއާއި މަދަދު ފޯރުކޮށްދެއްވާފައިވާ ފަރާތެކެވެ.

ޚާއްސަކޮށް އެތުލެޓިކްސްއަށް ހާނިމް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ އަގުނުކުރެވޭފަދަ ޚިދުމަތްތަކެކެވެ.

ހާނިމް އަކީ 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެކެވެ. އެތުލީޓެއްގެ ގޮތުގައި ގައުމު ތަމްސީލްކުރުމަށްފަހު، އިސް މަގާމުތައް ފުރުއްވައި ކުޅިވަރުގައި ޤައުމަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހާނިމް ވަނީ އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައެވެ.

މީގެއިތުރުން ހާނިމް އަކީ ރާއްޖެއަށް ސްކޭޓިން ތައާރަފްކުރުމުގެ އެއް މަސްއޫލުވެރިޔާއެވެ. ބައިނަލްއަގްވާމީ މައިދާނުގައި ރަޖިސްޓްރީވެގެން ހިންގާ ރާއްޖޭގެ ފުރަތަމަ ސްކޭޓިން އެސޯސިއޭޝަނުގެ އިސް ވެރިއަކީ ވެސް ހާނިމް އެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމުގައި، ކުޅިވަރު އަދާކުރާ ދައުރު ބޮޑުކުރުން ކަމަށްވާއިރު، ހާނިމް އަކީ ދުޅަހެޔޮ، ހަށިހެޔޮ ރައްޔިތުންތަކެއް ބިނާކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.

ހާނިމްގެ ތަޖުރިބާއާއެކު، ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރެގިއުލޭޓް ކުރުމާއި، ކުޅިވަރުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށްވުރެ ހަލުވިވެ، ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.