ޚަބަރު

ކެރަމް ޗެމްޕިއަންޝިޕް: ޖޫނިއާ ޗެމްޕިއަންކަން ކިޔާން އާއި އަނުމް


  • 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އަނުމް އަހުމަދު އާއި އަބުދުﷲ ކިޔާން

  • 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އިންޝާ އިކްލީލް އާއި އަހުމަދު މައިޝާން

  • ސީނިއާ ޑަބަލްސް އިވެންޓުތައްވެސް ވަނީ ނިމިފައި

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހުޅުމާލޭ ކެރަމް ހޯލުގައި ކުރިޔަށް ގެންދާ، 13 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން އަނުމް އަހުމަދު އާއި އަބުދުﷲ ކިޔާން އަދި 19 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން އިންޝާ އިކްލީލް އާއި އަހުމަދު މައިޝާން ހޯދައިފިއެވެ.

މި މުބާރާތާއި ގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސް އާއި ހިއްސާ ކުރަމުން، މި މުބާރާތުގެ ޗީފް ރެފްރީ އިބްރާހިމް ލިފާއު އާމިރު ބުނީ، މިހާރު ފަށައިގެން ކުރިޔަށްދަނީ ސީނިއާ އޯޕަން ސިންގަލްސް އިވެންޓުގެ މެޗުތައް ކަމަށެވެ. ސީނިއާ ޑިވިޝަނުގެ ޑަބަލްސް އިވެންޓުތައްވެސް މިހާރު ވަނީ ނިމިފައެވެ. އެއަށްފަހު އޮންނާނީ ސީނިއާ ޑިވިޝަންގެ ފިރިހެން އަދި އަންހެން ސިންގަލްސްގެ މެޗުތަކެވެ.

ލިފާއު ބުނީ މިހާރު ގިނަ މެޗުތަކެއް ކުޅެ ނިމިފައިވާއިރު މިއީ ވަރަށް ތަރުހީބު ބޮޑު މުބާރާތެއް ކަމަށާއި، އެގޮތުން ޖޫނިއާ އިވެންޓުތަކުގައި މިއަހަރު ގިނަ އަދަދެއްގެ ކުޅުންތެރިން ވާދަކުރި ކަމަށެވެ.

ޖޫނިއާ ފިރިހެން ޑަބަލްސް އިވެންޓްގައި 20 ޕެއާ، ޖޫނިއާ އަންހެން ޑަބަލްސް އިވެންޓްގައި 08 ޕެއާ ވާދަކުރިއެވެ. ޖޫނިއާ ފިރިހެން ސިންގަލްސް 15 އަހަރުން ދަށުގެ ބައިގައި 26 ކުޅުންތެރިން އަދި ޖޫނިއާ އަންހެން ސިންގަލްސް 15 އަހަރުން ދަށުގެ ބައިގައި 10 ކުޅުންތެރިން ވާދަކުރިއެވެ. މީގެ އިތުރުން 19 އަހަރުބް ދަށުގެ ފިރިހެން ސިންގަލްސްގައި 32 ކުޅުންތެރިން އަދި 19 އަހަރުން ދަށުގެ އަންހެން ސިންގަލްސްގައި 14 ކުޅުންތެރިން ވާދަކުރިއެވެ.

މިހާރު ނިމިފައިވާ އިވެންޓުތަކަށް ބަލާއިރު ޖޫނިއާ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ޝަމާލް ސައުދުﷲ އާއި އަހުމަދު ނައިސަމް ނިސާންގެ ޕެއާއިންނެވެ. ޝަމާލް އާއި ނައިސަމް މި އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަބުދުﷲ ކިޔާން ބިން ޝާޒް އާއި ޒާހިން ޒާލިފު އަހުމަދުގެ ޕެއާ އާއި ވާދަކޮށް، 10-18، 25-10 އަދި 25-12 ންނެވެ.

ޖޫނިއާ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު ކައިސާ ބިންތި އަބުދުﷲ އާއި އިންޝާ އިކްލީލް އައްބާސްގެ ޕެއާއެވެ. ކައިސާއާއި އިންޝާ ފައިނަލް މެޗު ކާމިޔާބުކުރީ އައިޝަތު މައިލާހު އާދަމް ޒާހިރާއި، ޒުލެއިހާ ލީން ހުސެއިންގެ ޕެއާއާއި ވާދަކޮށް 25-07 އަދި 22-11 ންނެވެ.

ޖޫނިއާ 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އަބުދުﷲ ކިޔާން ބިން ޝާޒްއެވެ. ޖޫނިއާ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އަނުމް އަހުމަދު ވަސީމްއެވެ. 19 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޝާ އިކްލީލް އައްބާސްއެވެ. 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އަހުމަދު މައިޝާންއެވެ.

ސީނިއާ އިވެންޓުތަކުގެ ތެރެއިން މިހާރު ނިމިފައިވާ އިވެންޓުތަކަށް ބަލާއިރު، ސީނިއަރ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ހުޖާން އާއި އަހުމަދު މުޝްރިފްގެ ޕެއާއެވެ. ހުޖާން އާއި މުޝްރިފް މި އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޚާތިމް ޚަލީލް އާއި ރިބާހު ހުސެއިންގެ ޕެއާ އާއި ވާދަކޮށް ސީދާ ދެ ސެޓުންނެވެ.

ސީނިއަރ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އާމިނަތު ވިދާދު އާއި އާމިނަތު ޖުނާނާ ސައުދުﷲގެ ޕެއާއެވެ. ވިދާދާއި ޖުނާން މި އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އައިޝަތު ނަހްފާ އާއި ފާތިމަތު ސާނީގެ ޕެއާ އާއި ވާދަކޮށް ސީދާ ދެ ސެޓުންނެވެ.

މިމުބާރާތުގެ ކުޅުން ކުރިޔަށްދަނީ މިމަހުގެ 15 ން ފެށިގެންނެވެ.