ޚަބަރު

މުސާރައިގެ އައު އޮނިގަނޑާއެކު ފާހަގަވި މައްސަލަތައް ދަނީ ހައްލުކުރަމުން: ޕޭ ކޮމިޝަން


  • ފުރަތަމަ މުސާރައިގެ ކުރިއެރުން އައީ ސިވިލް ސަރވަންޓުންނާއި ޖުޑިޝަރީއަށް

  • މިހާރު 93 އިންސައްތަ މުވައްސަސާތައްވަނީ އައު އޮނިގަނޑަށް ބަދަލުކޮށްފައި

ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުއައްސަސާތަކަށް ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ނެޝަނަލް ޕޭ ކަމިޝަނުން ވިދާޅުވެއްޖެއެވެ.

އައު ޕޭ ފްރޭމްވަރކަށް ޢަމަލު ކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ދައުލަތުގެ އެކި މުވައްސަސާތަކުގެ މުސާރައަށް ހެޔޮބަދަލެއް ގެންނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ. 1 ނޮވެމްބަރު 2025 ހުން ފެށިގެން ބައެއް މުވައްސަސާތަކުންވަނީ އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފަށާފައެވެ. އޭގެތެރޭގައި ސިވިލް ސަރވިސްއާއި ޝަރުޢީ ދާއިރާގެ އިތުރުން ދައުލަތުގެ އިތުރު 6 މުވައްސަސާއަކާއެކު ޖުމްލަ 93 އިންސައްތަ މުވައްސަސާ އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފަށާފައިވާކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ.

އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފެށިފަހުން އަންނަމުންދާ ބަދަލުތައް ނޭޝަނަލް ޕޭ ކޮމިޝަނުންދަނީ ބަލަމުންނެވެ. އެކޮމިޝަނުން ވިދާޅުވީ ޕޭ ފްރޭމްވަރކަށް 1 ނޮވެމްބަރު 2025 ހުގައި ޢަމަލުކުރަން ފެށި މުވައްސަސާތަކަށް ކުރިމަތިވަމުންދާ މައްސަލަތައް ބަލައި އަދި މުވައްސަސާތަކަށް ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. މީގެއިތުރުން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކާއި މައްސަލަތައް ބަލައި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް އެކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ.

ހަމަމިއާއެކު މިވަގުތު މުސާރާއިގެ އައު އޮނިގަނޑަށް ޢަމަލުކުރަން ފަށާފައިނުވާ މުވައްސަސާތައް އެއޮނިގަނޑަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް ވަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ދައުލަތުގެ އެކި ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. މިހާތަނަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާއިރު މިދިޔަ އަހަރުވަނީ ސިވިލް ސަރވިސް މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްފައެވެ. މިއއަހަރުގެ މިހާތަނަށް އިތުރު 6 މުވައްސަސާއެއް މުސާރައިގެ އައު އޮނިގަނޑަށް ބަދަލުކޮށްފައިވާއިރު ދައުލަތުގެ 93 އިންސައްތަ މުވައްސަސާތައް މިހާރުވަނީ އައު އޮނގަނޑަށް ބަދަލުކޮށްފައެވެ. މުސާރައިގެ ކުރިއެރުމެއް ނުލިބި ތިބި ގިނަ މުވައްޒަފުން އެކި މުވައްސަސާތަކުގައި ތިބިއިރު، މިއީ އެފަދަ އެތައް މުވައްޒަފުންނެއްގެ ދުވަސްވީ ޝަކުވާއެކެވެ.