ޚަބަރު

"ޖުޑީޝަލް ކައުންސިލް އެކުލެވިގެންދާނީ ސިޔާސީ ނުފޫޒު ނޯންނަ ގޮތަށް"


  • ކައުންސިލް އެކުލަވާލާނީ ފަނޑިޔާރުންގެ މަޝްވަރާއާއެކު

  • ޑީޖޭއޭ ޖޭއެސްސީގެ ދަށުގައި އޮތުމުން ދަތިވާކަން ފަނޑިޔާރުންވެސް ފާހަގަކުރޭ

ޖުޑީޝަލް ކައުންސިލް އެކުލެވިގެންދާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނަ ތަނެއްގެ ގޮތުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހުސްނީ މުބާރިކު ވިދާޅުވެއްޖެއެވެ. އޭނާ ވަނީ ކުރީގެ ސަރުކާރުގައި ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ޝަރުޢީ ދާއިރާގެ އިދާރީ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ އިސްލާޙީ އެޖެންޑާގެ ތެރެއިން ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް ސަރުކާރުގެ ނުސީދާ ނުފޯރާ ގޮތަށް ޝަރުޢީ ދާއިރާގެ މިނިވަންކަނަށް ކަށަވަރު ކުރުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ދަށުން ނަގައި ޖުޑީޝަލް ކައުންސިލް އަލުން އުދައްދައި އެކައުންސިލުގެ ދަށުން މަސައްކަތް ކުރާ ގޮތަށް ބަދަލު ކުރުމަށް، ޤާނޫނަށް އިސްލާހުގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އިއުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖޭއެސްސީ ދަށުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮތުމުން ޝަރުޢީ ދައިރާގެ ހިންގުމަށް ގިނަ ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ކޮމާކޯޅި ޕްރޮގްރާމުގައި ޖޭއެސްސީގެ ރައީސް އަދި މަނަދޫ ދައިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުން އިދާރީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި މިކަން ފަނޑިޔާރުން އެކި މަންސަތަކުގައި އެކި ގޮތްގޮތަށް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިކަމަކީ ޖޭއެސްސީ ރިކޯޑުތަކުން ފެންނަން ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީގެ ރައީސް ވިދާޅުވީ އޭރު މި ބަދަލު ގެނައިއިރު، ޝަރުޢީ ދައިރާގެ އިދާރީ ހިންގުން އޮންނަންޖެހޭ ގޮތް ޤާނޫނުގެ ތެރެއިންވެސް އެހާ ސާފު ނުވާ ކަމަށެވެ. ޙާއްސަކޮށް ބައެއް ކަންކަމުގައި ޖޭއެސްސީ ކޯޓައް ހާޒިރުވާންޖެހުމާއި މެދު ސުވާލު އުފެދިފައިވާއިރު ބައެއް ކަންކަމުގައި ސީދާ ޑީޖޭއޭ ވަކި މުޢައްސަސާއެއް ނޫން ކަމުގައިވިއަސް ކޯޓަށް ހާޒިރުވާން ޖެހޭ ކަމަށް ހުސްނީ މުބާރިކް ވިދާޅުވިއެވެ.

ސަރުކާރުން މި ބަދަލު ގެންނައިރު، ޝަރުޢީ ދައިރާގެ އެކި ފަރާތްތަކާއި ހުރިހާ ގޮތަކުން މަޝްވަރާ ކުރެވިގެން ބަދަލު ގެންނަވާނެ ކަމަށް ޙުސްނީ މުބާރިކް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި ސަރުކާރުން ޖުޑީޝަރީއަށް ގެންނަ ބަދަލުތައް ގެނައުމުގައި ޝަރުޢީ ކޯޓުތަކާއި މަޝްވަރާކުރަން. ފަންޑިޔާރުންނާއި މަޝްވަރާ ކުރަން. ހަމަ ހުރެފައި ބަދަލުތަކެއް މި ގެންނަނީ. ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުތަކުގައި ފަނޑިޔާރުންނާއި މަޝްވަރާކުރެވި ޚިޔާލާއި މަޝްވަރާގެ މަތިން ބަދަލުތައް ގެނެވުނީ. ހަމަ އެގޮތަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް ބަދަލު ގެނައުމުގައި ޝަރުޢީ ދައިރާއާއި މަޝްވަރާ ކުރެވޭނެ" ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މި ބަދަލު ގެންނަނީ ޝަރުޢީ ދައިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ކަމަށްވާއިރު މި ބަދަލުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް މަނަދޫ ދައިރާގެ މެންބަރު ޤަބޫލުކުރައްވައެވެ. މީގެ ކުރިންވެސް ޖުޑީޝަލް ކައުންސިލް އެކުލެވިފައި އޮތްނަމަވެސް މި ނިޒާމު ތަޖުރިބާ ކުރުމުގެ ފުރުސަތު އޭރު ލިބިފައިވާ ނުވާ ކަމަށް މެންބަރު ހުސްނީ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ނިންމުމާއެކު އެ ކައުންސިލް އުވިގެންދިޔައީ ކަމަށާއި އަލައް މިކައުންސިލް އެކުލެވޭ އިރު ކައުންސިލް ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޝަރުޢީ ދައިރާގެ ޚިޔާލު ހުރި ނެތްގޮތް ދެނެގަތުމަށް ފަހުގައި އޭރު ކޯޓުތަކާއި ބެހޭ ޤާނޫނުގެ 83 ވަނަ މާއްދާގައި ބަޔާންކުރާ ކޮމްޕޮޒިޝަންގައި ބޭއްވުންތޯ ނުވަތަ އިތުރު ބަދަލުތަކެއް ގެންނަން ޖެހޭތޯ. އަޅުގަނޑަށް ޔަޤީންވާ ކަމަކީ ސިޔާސީ ނުފޫޒު ނޯންނަ ގޮތަކަށް ޖުޑީޝަލް ކައުންސިލް އެކުލެވިގެންދާނެ ކަމަށް. ޝަރުޢީ ދައިރާގެ ތެރެއިން ޖުޑީޝަލް ކައުންސިލް އެކުލެވިގެންދާނެ ކަމަށް. "ހުސްނީ މުބާރިކް ވިދާޅުވިއެވެ.

ޖުޑީޝަލް ކައުންސިލަކީ 2010ވަނަ އަހަރު ގެނައި ކޯޓުތަކާއި ބެހޭ ޤާނުނުގެ ތެރެއިން އުފެދުނު ކައުންސިލެކެވެ. އެކައުންސިލް އެކުލެވިފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑީޔާރުންނާއި، ހައިކޯޓުގެ ތަމްސީލް ކުރައްވާ ފަނޑިޔާރަކާއި، ދަށު ކޯޓުތައް ތަމްސީލް ކުރާނެ ފަރާތެއްގެ އިތުރުން މެޖިސްޓްރޭޓް ކޯޓު ތަމްސީލް ކުރާ ފަރާތްތައް ހިމެނޭ ގޮތަށެވެ.