މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕަކީ ފުޓުބޯޅަ އެކަޑަމީތަކުން ކުރާ މަސައްކަތްތައް ހުރިހާ އެންމެންނަށް ދައްކާލަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ފްރެންސް ފުޓްބޯލް ފެމިލީ އެކަޑަމީ (އެފްއެފްއެފް) ގެ ކޯޗު އަހުމަދު ޝަރީފު ބުނެފިއެވެ.
ހެންވޭރު ދަނޑުގައި އަންގާރަދުވަހުގެ ރޭ ނިމުނު މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2026ގެ 8 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ޓީމު، އެފްއެފްއޭގެ ކޯޗު، މުބާރާތަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ބުނީ މި މުބާރާތުން ފެނުނީ، އެކަޑަމީތަކާއި ބެލެނިވެރިން، ފުޓްބޯޅައަށްޓަކައި ކުރާ މަސައްކަތް ކަމަށެވެ.
އަދި މުސްތަގުބަލަށް ބަލާއިރު މިއީ ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، މިއީ ހަގު އުމުރުފުރައިން ފެށިގެން ކުދިން ދަސްކުރަމުން އަންނަ ހުނަރުތައް އިތުރަށް ތަރައްގީކުރަން ލިބޭ ފުރުސަތެއް ކަމަށްވެސް ޝަރީފު ފާހަގަކުރިއެވެ. މިއީ ކުދިންނާއި، ކޯޗުންނަށްވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެނގި އެކަންކަން ރަނގަޅު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އޭނާ ބުންޏެވެ.
"ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑު ގަބޫލުކުރަނީ މިކުދިންނަށް މި ލިބެމުންދާ ފުރުސަތަކީ އެ ކުދިންނެކޭ އެގޮތަށް ކޯޗުންނަށްވެސް އިތުރަށް ލިބޭ ފުރުސަތެއް ކަމަށް އަޅުގަނޑު ދެކެނީ އަސްލު މިކަހަލަ މުބާރާތައް ބޭއްވުން. އެއީ ރަނގަޅުކޮށްލަންޖެހޭ ކަންކަން ރަނގަޅުކޮށް އިތުރަށް މަސައްކަތް ކޮށްލަން" ކޯޗު ޝަރީފު ބުންޏެވެ.
ޝަރީފު ބުނީ، އެހެންކަމުން މިކަން އިންތިޒާމުކުރާ ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އަށް ވަރަށް ބޮޑަށް އެކަޑަމީތަކުން އަދި ވަކިން ޚާއްސަކޮށް އެފްއެފްއެފްއޭއިން ޝުކުރުއަދާކުރާ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވެރި ބައެއް ކުދިން ބުނީ ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި މިފަދަ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ލިބުނީތީ ކޯޗުންނާއި އެކަޑަމީތަކަށްވެސް ޝުކުރުއަދާކުރާ ކަމަށެވެ.
މި މުބާރާތަކީ 8 އަހަރުން ދަށާއި 10 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ކުދިންނަސް ހާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ. މާލެ ސަރަހައްދުގެ ހުރިހާ އެކަޑަމީއަކުން ވާދަކުރި މި މުބާރާތުގައި ޖުމްލަ 50 ޓީމު ވާދަކުރިއެވެ.
8 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އެފްއެފްއެފްއޭއެވެ. އަދި 10 އަހަރުން ދަށުގެ ޗެމްޕިއަންކަން އޮޑި އެކަޑަމީގެ އޮޑި ސްޓްރައިކާސްއެވެ.