މީގެ ކުރިން ކަނޑައަޅައި އާންމުކޮށްފައިވާ އީކޮމާސް ވެބްސައިޓުތައް ފިޔަވައި އިތުރު ވެބްސައިޓަކުން ކުރާ މުޢާމަލާތްތަކަށް ފީއެއް ނުނަގާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ކާކުކަން ނޭނގޭ އެކައުންޓަކުން ދަނީ، ކުރިން އާންމުކޮށްފައިވާ ގޮތާއި ޚިލާފަށް ބޭންކް އޮފް މޯލްޑިވްސްއިން އިތުރު ވެބްސައިޓުތަކުން ރުފިޔާ ޑެބިޓް ކާޑު ބޭނުން ކުރުމުން އިތުރަށް ފައިސާ ނަގާ ކަމަށް ބުނަމުންނެވެ. މިކަމާއި ގުޅިގެން އެ ބޭންކުގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމުކޮށްފައިވާ ގޮތާ ޚިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން %30ގެ ފީއެއް ނަގަމުންދާ ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ސަޢީދު ވިދާޅުވީ، ބީއެމްއެލްއިން ރަސްމީކޮށް މީގެ ކުރިން ހާމަކޮށްފައިވާ ގޮތަށް، މިދިޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އިތުރު އެއްވެސް ސައިޓަކުން އިތުރު ފީއެއް ނުނަގާ ކަމަށެވެ. އެހެންކަމުން ޞިއްޙީ ޚިދުމަތާއި، ތަޢުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކުގެ 'ޝެޑިއުލް އޮފް ޗަރޖަސް' ގައިވާ ގޮތުން، ރާއްޖޭން ބޭރުގެ މުޢާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުން ކުރުމުން %30 އާ ހަމައަށް ބޭންކަށް ފީއެއް ނެގިދާނެއެވެ. މިގޮތަށް ކްރޮސް ބޯޑަރ ފީއެއް ނެގުމަކީ، ދުނިޔޭގެ ބެންކުތަކުން އަމަލުކުރަމުންދާ އުސޫލެއް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި މިކަމަކީ، ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް ދީފައިވާ ލުޔެއް ނުވަތަ މަތީ ރޭޓެއް ދިނުމަށް އަމާޒު ކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށްވެސް އެ ބޭންކުން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ އާންމު ފަރުދުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، މިގޮތަށް ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަކީ، ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް ފަތުރާ ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަކަން ނަހަމަ ގޮތުގައި ބޭނުންކޮށް، ޤައުމުގެ އިޤްތިސާދީ ހަމަޖެހުން ނަގާލައި، މާލީ ރައްކާތެރިކަމާއި ހަމަޖެހުމަށް ސީދާ ނުރައްކަލާ ކުރިމަތި ކުރުވަން ފަތުރާ ވާހަކަތަކެއް ގޮތުގައި ބީއެމްއެލްއިން ސިފަ ކުރެއެވެ.
މިފަދަ ދޮގު މަޢުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމަށް ބޭންކުގެ އެންމެހާ ކަސްޓަމަރުންނަށް ބީއެމްއެލްއިން އިލްތިމާސް ކުރެއެވެ.