އީރާނުގައި މަތީ ފެންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިޔަމްގެ ރިޒާވު ޤައުމުން ބޭރުކުރުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން ކުރާ ދަޢުވާ، ތެހްރާނުން ދޮގުކޮށްފިއެވެ. ޔުރޭނިޔަމް އަދި އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މައްސަލައަކީ، ދެ ޤައުމުގެ ދެމެދުގައި ބޭއްވުމަށް މަސައްކަަތް ކުރަމުންދާ ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވައިލެވޭނެ ދެ ދާއިރާއެވެ. ދެ ޤައުމުގެ ދެމެދުގައި ވާހަކަތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދަނީ ޕާކިސްތާނުން އިސްވެއެވެ.
އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު އިބްރާހީމް ރިޒާޔީ ވިދާޅުވީ، މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް ޤައުމުން ބޭރުކުރުމަށް ތެހްރާނުން އެއްވެސް ގޮތަކަށް އެއްބަސްވެފައިނުވާނެ ކަމުގައެވެ. އަދި ޔުރޭނިޔަމް މުއްސަނދިކުރުން މުޅިން ހުއްޓައިލުމަކީ ނުވަތަ ސުލްޙަވެރި ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސްއެޅޭނެ އެއްވެސް ކަމަކީ އީރާނުން ޤަބޫލުކުރާނެ އަދި އެއްބަސްވާނެ ކަމެއް ނޫން ކަމަށާއި، އެއީ ތެހްރާންގެ އިސްތިރާޖީ ރަތް ރޮނގެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އީރާނުން އެ ޤައުމުގެ ނިއުކްލިޔަރ ރިޒާވު އެމެރިކާއާ ޙަވާލުކުރާނެ ކަމުގައެވެ. ހުކުރު ދުވަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ "އެމެރިކާއަށް ހުރިހާ ނިއުކްލިޔަރ ކުނޑިތަކެއް [މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް] ލިބޭނެ،" ކަމުގައި ވިދާޅުވެފައެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، ޓްރަމްޕްގެ ދަޢުވާތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމުގައެވެ. "މުއްސަނދިކޮށްފައިވާ ޔޫރޭނިޔަމަކީ އީރާނުގެ ފަސްގަނޑު ފަދައިން އަހަރެމެންނަށް މުހިންމު އެއްޗެއް. އެއްވެސް ޙާލަތެއްގައި، އެއްވެސް ސަބަބަކާ ހުރެ އެ ތަކެތި ޤައުމުން ބޭރަށް ނުގެންދެވޭނެ،" ތަސްނީމް ނޫސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ބަޣާއީ ވިދާޅުވިއެވެ.