ޚަބަރު

42 އަހަރަށް ފަހު ފޮރެސްޓް ޔޫރަޕްގެ މުބާރާތެއްގެ ސެމީ އަށް


ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގެ ސެމީ ފައިނަލުގެ ޖާގައެއް ނޮޓިންހަމް ފޮރެސްޓް އިން 1984 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ފޮރެސްޓް އިން ވަނީ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި ޕޯޗުގަލްގެ ޕޯޓޯ އާއި ދެކޮޅަށް ރޭ ކުޅުނު ދެވަނަ ލެގު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުމްލަ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ފޮރެސްޓްގެ ސިޓީ ގްރައުންޑްގައި ކުޅުނު މި މެޗުގެ 8 ވަނަ މިނިޓުގައި ރެފްރީ ވަނީ ޕޯޓޯގެ ޑިފެންޑަރ ޔޭން ބެޑްނަޔެކް ފޮރެސްޓްގެ ކްރިސް ވުޑް އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެހެންކަމުން މެޗުގެ ގިނަ ވަގުތު ޕޯޓޯ އިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގައި ފޮރެސްޓް އިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 12 ވަނަ މިނިޓުގައި މޯގަން ގިވްސް ވައިޓް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ނޮޓިންހަމް ފޮރެސްޓް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ޕޯޓޯގެ ގޯލުކީޕަރު ވަނީ ފޮރެސްޓް އިން ފޮނުވާލި ނުރައްކާތެރި ހަތަރު ހަމަލައެއް މަތަކޮށްފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ނިކުންނައިރު މިއީ 2008-09 ވަނަ އަހަރުގެ ސީޒަނަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގައި އިނގިރޭސި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.