ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި 4،114 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ޖޫން މަހުގެ 6ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިހާރު އާންމުކޮށްފައެވެ. މި ރަޖިސްޓްރީ ގެޒެޓާއި އައްޑޫސިޓީ ހިތަދޫ އަވަށު އޮފީހުގައި އާންމުކޮށްފައިވާއިރު ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ މިހާރު ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި މި ބައި-އިލެކްޝަންގައި 4،114 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 27ވާ ހޯމަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.
މި މުއްދަތުގައި ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެއެވެ. އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުން ނުވަތަ ރަޖިސްޓަރީން މީހަކު އުނިކުރުން ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ޖެހޭނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.
މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ސުޕްރީމް ކޯޓުން ޙުކުމްކުރުމާ ގުޅިގެން އެ ގޮނޑި ހުސްވެފައިވާތީ އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލީ މި މަހުގެ 29ވާ ބުދަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރެވުނު މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ހުކުމާއެކުގައެވެ. ސިނާން ވަނީ އެ ދާއިރާއަށް އަލުން ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަނަށް ތައްޔާރުވަމުން އަންނައިރު ސިޔާސީ ޕާޓީތަކުންވެސް ދަނީ އެ ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ މައި ދެ ސިޔާސީ ޕާޓީ، ޕީއެންސީ އާއި އެމްޑީޕީން މިހާރު ވަނީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައެވެ.