ޚަބަރު

ތިނަދޫ ސިޓީގައި މިއަހަރު ނަފްސާނީ ފަރުވާދޭ ކްލިނިކެއް ޤާއިމްކުރަނީ


  • ޚިދުމަތަށް ބޭނުންވާ ޚާއްސަ ޑޮކްޓަރުން ގެނައުމަށް ހަމަޖެހިފައިވޭ

ތިނަދޫ ސިޓީގައި ޤާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ މަސައްކަތް ނިންމާ، މިއަހަރުތެރޭ ޚިދުމަތް ފަށާނެކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އަޝްރަފް ވިދާޅުވީ، ހުވަދުއަތޮޅަކީ ނަފްސާނީ ފަރުވާއަށް ބޭނުންވާ ވަރަށް ގިނަ އާއިލާތައް ދިރިއުޅެމުންދާ އަތޮޅެއްގެ ގޮތުގައި ފާހަގަކުރެވޭކަމަށެވެ. ވަކިން ޚާއްސަކޮށް ތިނަދޫއަކީ އެލާމިން ލެވެލެއްގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވޭ ރަށެއްކަމަށް ވިދާޅުވިއެވެ.

"ރިކޯޑްސްތަކުން ދައްކާގޮތުގަ ތިނަދޫއަކީ އެލާމިން ލެވެލްއެއްގަ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވިފައިވާ ރަށެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ އެކަމަށް ޚާއްސަކޮށް ފަރުމާކުރެވިގެން ޚިދުމަތްދެވޭނެ ފެސިލިޓީއެއް ޤާއިމްކުރުން" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، މިހާރުވެސް އެފަދަ ފަރުވާ ހޯދުމަށް ގިނަބަޔަކު އަންނަކަމަށެވެ. ވަކިން ޚާއްސަކޮށް ސްކޫލްކުދިންގެ ގިނަކަން ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.

ތިނަދޫގައި ޤާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ ޢަަމަލީ މަސައްކަތް މިހާރު ފެށިފަވާކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، މިއަހަރުތެރޭ ޚިދުމަތަށް ގެނައުމަށް މަސައްކަތްކުރަމުންދާކަަމަށެވެ. އަދި ޚިދުމަތް ފެށޭއިރު އިމާރާތެއްގެ އިތުރުން، އެކަމަށް ޚާއްސަ ޑޮކްޓަރުންވެސް ގެނެވޭނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

"މިއަހަރުތެރޭގަ ޚިދުމަތަށް ގެނެވޭވަރަށް މަސައްކަތްކުރަމުންމިދަނީ. އިމާރާތުގެ މަސައްކަތް މިހާރު ފެށިފަ އެހެރީ. އަޅުގަނޑުމެން ފޭސްތަކަކަށް ބަހާލައިގެން މަސައްކަތް އަވަސްކުރުމުގެ ގޮތުން މަސައްކަތް ކުރަމުންމިދަނީ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާފަ ޚިދުމަތް ފަށާނަން. ޚިދުމަތް ފަށާއިރުގަ ހަމައެކަނި އިމާރާތެއް އެކަންޏެއް ނޫން އެކަމަށް ޚާއްސަ ޑޮކްޓަރުންވެސް ގެނެވޭނެ". އަޝްރަފް ވިދާޅުވިއެވެ.

ތިނަދޫ ޤާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކާއެކު ހުވަދުއަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށާއި، ޚާއްސަކޮށް ތިނަދޫގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާހޯދުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.