ޚަބަރު

ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ވަޒީރުގެ މަގާމަށް، ޙަސަން ރަޝީދު


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ޙަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ވަޒީރު ޙަސަން ރަޝީދަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ޙަސަން ރަޝީދަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް ޢައްޔަންކުރެއްވި ޙަސަން ރަޝީދުވަނީ މީގެ ކުރިން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރައްވާފައެވެ.