ޚަބަރު

ދެވަނަ ބުރު: ކައުންސިލް 2 ގޮނޑި، ޑަބްލިޔުޑީސީގެ 3 ގޮނޑި


  • ދޮންފަނު އަންހެން މެންބަރާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު ހޮވާނެ

  • ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ކައުންސިލް ދެ ގޮނޑިއާއި އަންހެނުންގެ ކޮމިޓީގެ 3 ގޮނޑިއަކަށް މީހުން އިންތިޚާބުކުރުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބުގެ އިތިރު ބުރެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.

ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ދެވަނަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުން

  • ކެންޑިޑޭޓް ނަންބަރު 3، ޕީއެންސީގެ ކެންޑިޑޭޓް، ޢާއިޝަތު މުނާ، ބ. ދޮންފަން / މީނާޒް
  • ކެންޑިޑޭޓް ނަންބަރު 4، އެމްޑީޕީގެ ކެންޑިޑޭޓް، އާމިނަތު ރަފާހް، ބ. ދޮންފަން / ރިލެކްސް

ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރަށް ވާދަކުރާ ކެންޑިޑޭޓުން

  • ކެންޑިޑޭޓް ނަންބަރު 3، ޕީއެންސީގެ ކެންޑިޑޭޓް، ޢާއިޝަތު ޢަބްދުލްޤާދިރު، ޏ. ފުވައްމުލައް / ދަޑިމަގު. ޕްލާޒާ
  • ކެންޑިޑޭޓް ނަންބަރު 4، އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ޝީޒާ އިބްރާހީމް، ޏ. ފުވައްމުލައް / ދަޑިމަގު. އޯކިޑުމާގެ


އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ވާދަކުރާ ކެންޑިޑޭޓުން

  • ކެންޑިޑޭޓް ނަންބަރު 1، އެމްޑީޕީގެ ކެންޑިޑޭޓް، މަހުދިއްޔާ އާދަމް، ހއ. ކެލާ / ރަންވެލި
  • ކެންޑިޑޭޓް ނަންބަރު 2، ޕީއެންސީގެ ކެންޑިޑޭޓް، ޙައްވާ ފަޒުނާ، ހއ. ކެލާ / ކަނި

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން

  • ކެންޑިޑޭޓް ނަންބަރު 2، ޕީއެންސީގެ ކެންޑިޑޭޓް، ފާޠިމަތު ރިއުޒާ، ހދ. ނޭކުރެންދޫ / ސިލްވަރ
  • ކެންޑިޑޭޓް ނަންބަރު 3، އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ފާޠިމަތު ނިޝާދާ، ހދ. ނޭކުރެންދޫ / ނިރު

ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން

  • ކެންޑިޑޭޓް ނަންބަރު 6، ޕީއެންސީގެ ކެންޑިޑޭޓް، ފާޠިމަތު ޝާފިޔާ، ލ. މާވަށް / އިތާ
  • ކެންޑިޑޭޓް ނަންބަރު 7، އެމްޑީޕީގެ ކެންޑިޑޭޓް، މަރްޔަމް މާޢިޝާ، ލ. މާވަށް / ވެޔޮހިޔާ


އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މި މަހުގެ 4ވަނަ ދުވަހު ބޭއްވި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުލި އިންތިޚާބެވެ. އެގޮތުން 215,346 މީހުން މި އިންތިޚާބުގައި ވޯޓުލާފައިވާއިރު މިއީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 73 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.