މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ރސ 5268 / މާލެ، އުމުރުން 37 އަހަރުގެ މުޙައްމަދު ޠާހާ އެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ފޭސް 1ގެ ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުން ކަމަށެވެ.
ޠާހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 08:55 އެހައިކަންހާއިރުއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވަނީ، މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ނިރޮޅުމަގުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ސައިކަލެއް ފާހަގަކުރެވިގެންނެވެ.
ސައިކަލު ހުއްޓުވައި ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮތް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ވަނީ ފެނިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.14 ގްރާމް ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ ޠާހާ ދުއްވި ސައިކަލު ޓޯކޮށް މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.