ސަރަހައްދީ ފުޓުބޯޅައިގެ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ބަންގްލްަދޭޝް އިން، ފީފާގެ ދުނިޔޭގެ ރޭންކިންގެ ފުލުގައި އޮތް ސޭން މެރީނޯއާ ދެކޮޅަށް މެޗެއް ކުޅެން ތާވަލުކޮށްފިއެވެ.
މި މެޗު ކުޅެން ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ ފަސްވަނަ ދުވަހު، ސޭން މެރީނޯގައެވެ.
ސޭން މެރީނޯ އަކީ ފީފާ ރޭންކިންގައި 211 ވަނައިގައި އޮތް ގައުމެވެ. މިއީ ރޭންކިންގެ އެންމެ ދަށް މަގާމެވެ. ރޭންކިންގައި ބަންގްލަދޭޝް ދަރަޖަކުރެވިފައި ވަނީ 181 ވަނައިގައެވެ.
ރޭންކިންގައި ބަންގްލަދޭޝްއަށް ވުރެ ވެސް ފަހަތުން، އެންމެ ފުލުގައި އޮތް ގައުމާ ދެކޮޅަށް ކުޅޭ މި މެޗަކީ، ތާރީޚީ މެޗެއްގެ ގޮތުގައި އަދި ފާހަގަކުރަންޖެހޭ ވަރުގެ ބޮޑު މެޗެއްގެ ގޮތުގައި ބަންގްލަދޭޝް އިން ފާހަގަކުރެއެވެ. ސަބަބަކީ މިއީ ބަންގްލަދޭޝް އިން، ޔޫރަޕުގައި ކުޅޭ ފުރަތަމަ މެޗަށްވާތީއެވެ.
އަދި މިއީ ސޭން މެރީނޯއިން ވެސް އޭޝިއާ ބަށްރުގެ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ.
މިއީ ބަންގްލަދޭޝް އިން ޔޫރަޕުގައި ކުޅޭ ފުރަތަމަ މެޗަށްވީ ނަމަވެސް، އެ ގައުމުން 2001 ވަނަ އަހަރު ވަނީ ޔޫރަޕުގެ ގައުމަކާ ދެކޮޅަށް މެޗެއް ކުޅެފައެވެ. ބޮސްނިއާ އެންޑް ހަރޒެގޯވީނާއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެއީ އިންޑިއާގައި އޮތް މިލޭނިއަމް ސުޕާ ސޮކަރ ކަޕް ގައެވެ. އެ މެޗުން ބަންގްލަދޭޝް ވަނީ 0-2 އިން ބަލިވެފައެވެ.
ސޭން މެރީނޯއިން އެންމެފަހުން ކުޅުނު ފަސް މެޗަށް ބަލާލާއިރު، ނިމިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހު އެންޑޯރާއާ ދެކޮޅަށް ކުޅެ ވަނީ 0-0 އިން އެއްވަރުވެފައެވެ. އަދި އޭގެ ކުރިން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ. އެއީ ފަރޯ އައިލެންޑްސް، ރޮމޭނިއާ، ޗެކް ރިޕަބްލިކް އަދި ސައިޕްރަސްއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.
ބަންގްލަދޭޝް އިން އެންމެފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު، އިންޑިއާ އާ ދެކޮޅަށް އޭޝިއަން ކަޕުގައި ކުޅުނު މެޗުންނެވެ. އެފަހުން ވިއެޓްނާމާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވާއިރު އޭގެ ކުރިން ނޭޕާލް އަދި ހޯންގްކޮންގްއާ ދެކޮޅަށް ކުޅެ ވަނީ އެއްވަރުވެފައެވެ.
ބޮޑު މެޗެއްގެ ގޮތުގައި ސޭން މެރީނޯއާ ދެކޮޅަށް ކުޅޭ މެޗު ބަންގްލަދޭޝް އިން ޕްރޮމޯޓުކުރަމުން އަންނައިރު، އެ ގައުމަށް، ރާއްޖޭގައި ޖޫން މަހުގެ ކުރީކޮޅު ބާއްވަން މަސައްކަތްކުރާ އިންވިޓޭޝަނަލް މުބާރާތުގައި ކުޅުމަށްވެސް ބަންގްލަދޭޝްއަށް ވަނީ ދައުވަތު ދީފައެވެ.
އެހެންނަމަވެސް، ރޭންކިންގެ ފުލުގައި އޮތް ނަމަވެސް، ސޭން މެރީނޯ އަކީ ޔޫރަޕަށް ނިސްބަތްވާ ޤައުމަކަށްވުމުން، މި މެޗަށް އެ ގައުމުން އަންނަނީ ބޮޑު ސަމާލުކަމެއް ދެމުންނެވެ. ބައެއް މަސްދަރުތަކުން ރިޕޯޓުކުރާ ގޮތުގައި ބަންގްލަދޭޝް އިން އެ މެޗު ކުޅުމުގެ ބޭނުމުގައި ރާއްޖެއިން ދީފައިވާ ދައުވަތު ގަބޫލު ނުކުރާނެއެވެ.