ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން ހޯދަން ޖެހޭ ރިކޮގްނިޝަން ލިޔުން ހޯދަން އަމިއްލައަށްވެސް އެދެވޭނެ ކަމަށާއި އެކަމަށް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެމްކިއުއޭއިން ވިދާޅުވީ، ބޭރަށް ކިޔަވަން ދިއުމުގެ ކުރިން، ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކުރަން ދޭ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް"ގެ ލިޔެކިޔުންތައް ހޯދަން މަސައްކަތް ކޮށްދޭ ފަރާތްތަކުން ވަރަށް ބޮޑު ފީއެއް ނަގަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކާ ގުޅިގެން ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް ސްޓޫޑެންޓް ވިސާ ހަމަނުޖެހި އެ ދަރިވަރުންނަށް ކުލާސްތަކުގައި ބައިވެރި ނުވުމުގެ ޝަކުވާ ވެސް ލިބެމުން އަންނަކަން އެމްކިއުއޭއިން ފާހަގަކުރެއެވެ.
އެމްކިއުއޭއިން ވިދާޅުވީ، ލޯނުގެ ފުރުޞަތު މުޅި އަހަރަށް ހުޅުވާލާފައިވާއިރު މި ލިޔުން ހޯދުމަށް ތިންވަނަ ފަރާތެއް މެދުވެރިނުވެ އަމިއްލައަށް އެދެވޭނެ ކަމަށެވެ. އަދި މި ޚިދުމަތަކީ އެއްވެސް ފީ އެއް ނެގުމެއް ނެތި ދެމުން އަންނަ ޚިދުމަތެއް ކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ. މި ޚިދުމަތަށް އީމެއިލް މެދުވެރިކޮށް އަދި އެމްކިއުއޭއަށް ހުށަހަޅައިގެންވެސް އެދެވޭނެ ކަމަށް އެމްކިއުއޭއިން ވިދާޅުވިއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވަނީ، ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ޝައުޤުވެރިވާ ކުދިންނަށް އެއްވެސް ލިމިޓެއް ނެތި ފުރުސަތު ހުޅުވާލަން ނިންމާފައެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ދޫކުރާ ލޯނު ސްކީމްގެ މަދުވެގެން %50 އަކީ، ޓެކްނިކަލް ދާއިރާތަކަށް ދޭ ލޯނަށް ހެދުމަށް ނިންމާފައިވެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިކަމަށް ޚާއްސަ އުސޫލެއްވެސް މިހާރުވަނީ ގެޒެޓުކޮށްފައެވެ. މި އުސޫލުގައި މުހިއްމު ބައެއް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން މިއުސޫލުގެ ދަށުން އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއެއް މިހާރު ނޯންނާނެއެވެ. މީގެސަބަބުން ކޮންމެ ދަރިވަރަކަށްވެސް ކިޔަވަން ދާން ތައްޔާރުވެ ލޯނަށް އެދެވޭނެއެވެ. އަދި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމާއި، އެމްކިޔުއޭއިން ދޫކުރާ އިންޓެންޑަޑް ލެޓަރއާއި، ފީ ސްޓްރަކްޗަރ ލިބުމާއެކު ލޯނަށް އެދެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. މިއާއެކު ލޯނަށް ހޮވި ކިޔަވަން ނުފަށާ ތިބި ދަރިވަރުންގެ ޢަދަދު މަދުވެގެންދާނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއުސޫލުގެ ދަށުން އަލަށް ކިޔަވައި ކުދިންނާއި ކިޔަވަމުންދާ ކުދިންގެ ކެޓަގަރީ ވަނީ އުވާލާފައެވެ. އެންމެ ބޮޑު ބޭނުމަކީ، ދަރިވަރުންނަށް މިއީ ދެ ކެޓަގަރީއެއްގެ ގޮތުގައި އޮތުމުން އެޕްލިކޭޝަން ހުށައެޅުމުގައި އޮޅުން އެރުމާއި، ޑިސްކޮލިފައިވާ ސަބަބެއް ކަމުގައިވާތީ އެކަން ޙައްލު ކުރުމެވެ. ހަމައެއާއެކު ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުސަތު ޔަޤީންވެ ކިޔަވަން ދާން ބޭނުންވާ ވަގުތު ފައިސާ ހަމަޖެހޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.