ޚަބަރު

ޑރ. ސަލްމާގެ މަޤާމު އަލުން އިއާދަކޮށްފި


  • މުންދުވެސް ވަނީ މަޤާމުން ވަކިކޮށްފައި

ޖެނީވާގައި ހުންނަވާ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަޤާމު އަލުން އިޔާދަކޮށްފިއެވެ.

ޑރ. ސަލްމާގެ މަޤާމު އަލުން އިޔާދަކޮށްފައި މިވަނީ، މިދިޔަ ހޯމަ ދުވަހު އޭނާ މަޤާމުން ވަކިކުރުމަށްފަހުގައެވެ.

ސަލްމާގެ އިތުރުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ޙުސެއިން ޝަރީފު (މުންދު)ވެސް މިދިޔަ ހޯމަ ދުވަހު ވަނީ މަޤާމުން ވަކިކޮށްފައެވެ.

މި ދެ ބޭފުޅުން މަޤާމުން ވަކިކުރީ، މި ދެ ބޭފުޅުންނާ އާއިލީ ގޮތުން ގުޅުން އޮންނަ މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު، ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުވި މައްސަލައާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އަސްމާގެ އެއްބަނޑު އެއްބަފާ ދައްތަ، ސަލްމާގެ މަޤާމު އިއްޔެ އަލުން އިޔާދަކުރި ނަމަވެސް، އަސްމާގެ ދަރިކަލުން މުންދުއަށް މިހާތަނަށް އެއްވެސް މަޤާމެއް އައްޔަންކޮށްފައެއް ނުވެއެވެ.

މުންދުއާއި ސަލްމާއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު، ވަރަށް ކުރީކޮޅު އިސް މަޤާމުތަކަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނެވެ.