ޚަބަރު

"މަސްވެރިކަމުގެ ސިޔާސަތު ކާމިޔާބުކަން ދަނީ ސާބިތުވަމުން"


  • ސީފުޑް ވޮޗް ރޭޓިން ލިބުމަކީ ރާއްޖެއަށް ލިބުނު ބައިނަލްއަގުވާމީ ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވި

  • މިއީ "ސީފުޑް ވޮޗް"އިން ވަކި ޤައުމަކަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރު

"ސީފުޑް ވޮޗް ރޭޓިންގްސް" ރާއްޖެއަށް ލިބުމަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ހަރުދަނާކަމާއި ކާމިޔާބުކަން ސާބިތުކޮށްދޭކަމެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަސް ވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗް ޕްރޮގްރާމުން ދުނިޔޭގައި ފުރަތަމަ ފަހަރަށް ވަކި ގައުމަކަށް ހާއްސަކޮށްގެން ދޭ "ސީފުޑް ވޮޗް ރޭޓިންގްސް" ރާއްޖެއަށް ވަނީ ލިބިފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވަނީ މިއީ ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ ފެންވަރުގައި ހޯދި ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރުމަށާޢި ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ބައިނަލްއަގުވާމީ ކާމިޔާބީތަކުގެ ތެރެއަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި، ދޮށީގެ މަސްވެރިކަމާއި، އަތުނަނު ބޭނުންކޮށްގެން ކުރާ ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމަށް އެމްއެސްސީ ސެޓިފިކޭޝަން ފުޅާވުމުގެ އިތުރުން، ފެއަރ ޓްރޭޑް ސެޓިފިކޭޝަން ހިމެނެއެވެ. މިއާއެކު، ރާއްޖޭގައި ހުރި ހުރިހާ ކަންނެލި މަސްވެރި އުޅަނދުފަހަރަކީ މިހާރު އެމްއެސްސީ ސެޓިފައިޑް އުޅަނދުފަހަރެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މި ކާމިޔާބީތަކުން ދައްކުވައިދެނީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ އުސޫލުތަކުގެ ވަރުގަދަކަމާއި އިތުބާރު ކަމަށެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ހާއްސަ ސިފަތައް ދުނިޔޭގެ ބާޒާރުގައި ދަމަހައްޓައި، އެ މަގާމު އިތުރަށް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ނަތީޖާ ދައްކުވައިދޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރުގެ ޕޯސްޓުގައި މަސްވެރިންނާއި، ސިނާއަތުގެ ބައިވެރިންނާއި، ސައިންސްވެރިން އަދި ފިޝަރީޒް މެނޭޖަރުންނާ ގުޅިގެން، ރާއްޖޭގެ ނޫ އިގްތިސާދު އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މިއީ "ސީފުޑް ވޮޗް" ގެ ތާރީޚުގައިވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މި ކުރިއެރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކަށް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މާކެޓް ކަމަށްވާ އުތުރު އެމެރިކާގެ މާކެޓަށް ވަނުމަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.