މިއަހަރުގެ މާރިޗު މަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި ހަލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި މަަސްތެރޭގައި ސްކޭމްގެ 198 މައްސަލައެއް ހުށައަޅާފައިވެއެވެ. އެ މައްސަލަތަކުގެ ތެރެއިން މުޅި ޖުމުލަ 1,681,359.21 (އެއްމިލިއަން ހަސަތޭކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ފަންސާސް ނުވަ ރުފިޔާ އެކާވީސް ލާރި) ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އޭގެތެރެއިން 691,697.86 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ، އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 94 މައްސަލައެއް ވަނީ ހުށައަޅާފައެވެ.
ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާއި ގުޅުންހުރި މައްސަލަތަކާއި، އިމްޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، ތަފާތު ލިންކުތައް ފޮނުވައިގެންނާއި، ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެއެވެ.
އެގޮތުން އިމްޕަރސަނޭޝަންގެ 49 މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމާ ގުޅޭ 31 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ތަފާތު ލިންކުތައް ފޮނުވައިގެންނާއި، ސްކޭމާ ގުޅުންހުރި އެހެނިހެން މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ހުށައެޅިފައިވާ 94 މައްސަލަތަކުގެ ތެރެއިން 77 މައްސަލައެއް ވަނީ ހައްލުކޮށްފައެވެ.
ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ، ފޯނު ކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރާ މަންސަތަކާއި، ފިޝިންގ ލިންކުތަކާއި ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރު ކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާ ނުކުރުމަށާއި، އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުން ހިމެނެއެވެ.
އަދި ސްކޭމަރުންނަށް ކާމިޔާބުވަނީ، މިފަދަ މައްސަލަތަކުގައި ހަނު ހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
ސްކޭމްގެ މައްސަލައެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ރިޕޯޓު ކުރުމަކީ، ފައިސާ ހޯދުމަށް އޮތް އެންމެ ފަސޭހަ މަގުކަމަށް ފުލުހުން ވިދާޅުވެއެވެ. މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން އެހީތެރިކަން ލިބޭނެއެވެ.