މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް %70 އަށް އަރާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ހަސަން ޒަކަރިއްޔާ ވިދާޅުވީ، މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް %63 ގައި ހުރި ކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، މީގެ ކުރިން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އާންމުކޮށް ވޯޓުލާން ނުކުންނަނީ %60 އާއި %65 އާ ދެމެދުގެ އަދަދެއްގެ މީހުން ކަމަށެވެ. ނަމަވެސް މިފަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލާ މީހުންގެ އަދަދު %70 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ، އިހުސާސްކުރެވޭ ހޫނުމިން މިއަދުވެސް ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ކިއުގައި ތިބި މީހުންނަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، އިންތިޚާބުގެ ކަންކަން ކުރިއަށްގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި ހަވީރު 5 ޖަހާއިރު ކިއޫތައް ބަންދުކުރި ނަމަވެސް، އެ ވަގުތާ ހަމައަށް ކިއުގައި ތިބި ހުރިހާ އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ވޯޓު ގުނުމުގެ މަސައްކަތާ ގުޅޭގޮތުން ޒަކަރިއްޔާ ވިދާޅުވީ، ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓުގެ ތެރޭގައި ވޯޓު ފޮށި ގުނުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އެހެންކަމުން ގިނަ ވޯޓު ފޮށިތައް ހަވީރު 6 ޖަހާއިރު ގުނަން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވޯޓު ގުނުމުގައި ދެ ސެޓަޕެއް ބޭންކުރާނެ ކަމަށާއި، އެއީ ގިނަ މީހުން ރެޖިސްޓްރީވެފައިވާ ފޮށިތަކަށް ދެ ސެޓަޕް އަދި މަދު މީހުން ތިބި ތަންތަނުގައި އެއް ސެޓަޕް ކަމަށް އޭނާ ވިދާޅުވިއެވެ. އަމާޒަކީ ދަންވަރުގެ ކުރިން ހުރިހާ ނަތީޖާއެއް އިއުލާންކޮށް ނިންމާލުން ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ވިދާޅުވިއެވެ.
އިންތިޚާބާ ގުޅޭ ޝަކުވާތަކަށް އަލިއަޅުއްވާލައްވަމުން ޒަކަރިއްޔާ ވިދާޅުވީ، މިހާތަނަށް 40 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ އިދާރީ ކަންކަމާ ގުޅޭ ޝަކުވާތަކާއި، ރީ-ރެޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތަކުގެ އިތުރުން ކެމްޕޭން ކުރުމުގެ މައްސަލަތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިއީ އިންތިޚާބުތަކުގައި އާންމުކޮށް ދިމާވާ ކަންތައްތައް ކަމަށާއި، މިކަންކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އަސަރެއް ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.