މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ހާލު ދެރަވި 5 މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް 2026 އޭޕްރީލް 4 ވަނަ ދުވަހުގެ ހެނދުނު 06:35 އެހާކަންހާއިރު ފުލުހުންނަށް ވަނީ ލިބިފައެވެ.
ޚަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއްކަމަށާއި މި އެންމެންނަކީވެސް ފިރިހެނުންނެވެ. އެ މީހުންނަށް އައިޖީއެމް އެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.
މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖަނަރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުންކަމަށް ފުލުހުން ވިދާޅުވިއެވެ.
ޖަނަރޭޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި، އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާގޮތަށް ޖަނަރޭޓަރުފަދަ ތަކެތި ބޭނުން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖަނަރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.