ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ތިނަދޫ ސިޓީގައި ފަށައިފިއެވެ. މި އިންތިޚާބުގައި ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00އާ ހަމައަށެވެ.
ތިނަދޫ ސިޓީގެ ޖުމްލަ 6 މަރުކަޒެއްގައި 21 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެގޮތުން، ތިނަދޫ ސްކޫލް، އާބާދީ މަރުކަޒު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒު، އަބޫބަކުރު ސްކޫލް، އެމްއެންޔޫ ތިނަދޫ ކެމްޕަހުގެ އިތުރުން އެރަށުގެ އުލޫމިއްޔާ ސްކޫލްގައި ވޯޓުލުން ކުރިއަށްދާނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ތިނަދޫ ސިޓީން ހޮވުމަށް ހަމަޖެހިފައިވަނީ މޭޔަރު ހިމެނޭހެން 7 މެމްބަރުންނެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް ތިނަދޫ ސިޓީން ހޮވުމަށް ހަމަޖެހިފައިވަނީ އެ ކޮމިޓީގެ ރައީސް ހިމެނޭހެން 7 މެމްބަރުންނެވެ.
ވީހާވެސް ގިނަ ފަރާތްތަކުން މި އިންތިޚާބުގައި ވޯޓުލުމަށް ކަމާގުޅުންހުރި އެކި ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.