ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުލުން ފަށައިފިއެވެ.
ތިން އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ. ވޯޓުލަށް އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމްކޮށްފައެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.
- ވޯޓުލާ މަރުކަޒުތެރެއަށް ވެއްދޭނީ އެ މީހާގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓު ނުވަތަ ޕާސްޕޯޓު ކާޑު ނުވަތަ ލައިންސަންސް ކާޑާއި ނޫކުލައިގެ ދެލީގެ އާދައިގެ ގަލަމެއް އެކަނި
- ވޯޓުލާންދާ ފަރާތްތަކުން ވޯޓުލާ މަރުކަޒުގެ ތެރެއަށް އަތްދަބަހާއި ފައިލާއި އަޑާއި މަންޒަރު ރެކޯޑު ކުރެވޭ އެއްވެސް އެއްޗެއް ވެއްދުމަކީ މަނާކަމެއް
- ވޯޓު ކަރުދާހުގެ ބާވަތްތައް:
* ސިޓީ ކައުންސިލް ވޯޓު ކަރުދާސް
* ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ވޯޓު ކަރުދާސް
* ރަށު ކައުންސިލް ވޯޓު ކަރުދާސް - 2000 އަށް ވުރެ ބޮޑު އާބާދީ
* ރަށު ކައުންސިލް ވޯޓު ކަރުދާސް - 2000 އަށް ވުރެ މަދު އާބާދީ
* ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ވޯޓު ކަރުދާސް - 2000 ވުރެ ބޮޑު އާބާދީ
* ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ވޯޓު ކަރުދާސް - 2000 އަށް ވުރެ މަދު އާބާދީ
* އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ކަރުދާސް
ސިޓީ ކައުންސިލަށް ވޯޓު ލާ ފަރާތްތަކަށް ލިބޭ ވޯޓު ކަރުދާސް އޮންނާނީ ދެ ބަޔަކަށް ބަހާލާފައެވެ. އެއީ ސިޓީގެ މޭޔަރ އިންތިޚާބު ކުރުމަށް ވޯޓު ދިނުމަށާއި، އެ މީހަކު ނިސްބަތްވާ ދާއިރާއެއްގެ ކައުންސިލަރ އިންތިޚާބު ކުރުމަށް ވޯޓު ދިނުމަށެވެ. މިއިން ކޮންމެ ބައެއްގައި އިރުޝާދު ދީފައިވާނީ އިޚްތިޔާރު ކުރާ ކޮންމެވެސް އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ޖެހުމަށެވެ.
ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުކުރުމަށް ވޯޓުލުމަށް ވަކި ކަރުދާސްކޮޅެއް ދޭނެއެވެ. އެ ކަރުދާސްކޮޅުވެސް ދެ ބަޔަކަށް ވާނީ ބަހާފައެވެ. އެއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އިޚްތިޔާރު ކުރާ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށާއި، އެ މީހަކު ނިސްބަތްވާ ދާއިރާއަކުން ކޮމިޓީއަށް އިންތިޚާބު ކުރާ މެންބަރަކަށް ވޯޓު ދިނުމަށެވެ. ސިޓީ ކައުންސިލްތަކުގެ ވޯޓު ކަރުދާހުގައި އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ވަކިން ވޯޓު ދިނުމެއް ނޯންނާނެއެވެ.
ރަށު ކައުންސިލްތަކުގެ ވޯޓު ކަރުދާހަށް ބަލާއިރު، އެ ރަށެއްގެ އާބާދީ 2000 އަށްވުރެ ކުޑަ ނަމަ އެ ރަށަކަށް ހޮވާނީ ޖުމްލަ 3 ކައުންސިލަރުންނެވެ. މި ކަރުދާސް 3 ބަޔަކަށް ބެހިފައިވާނެއެވެ. ފުރަތަމަ ބައިގައި ވޯޓު ދޭން ޖެހެނީ ކައުންސިލް ރައީސަށެވެ. ދެވަނަ ބައިގައި ވޯޓު ދޭން ޖެހެނީ އެރަށެއްގެ ކައުންސިލްގެ އަންހެން މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރު ކުރާ 1 ކެންޑިޑޭޓަށެވެ. އަދި ތިން ވަނަ ބައިގައި ވޯޓު ދޭނީ އެ ރަށުގެ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރު ކުރާ 1 ކެންޑިޑޭޓަށެވެ.
ރަށު ކައުންސިލްތަކުގެ ވޯޓު ކަރުދާހަށް ބަލާއިރު، އެ ރަށެއްގެ އާބާދީ 2000 އަށްވުރެ ބޮޑުނަމަ އެ ރަށަކަށް ހޮވާނީ ޖުމްލަ 5 ކައުންސިލަރުންނެވެ. މި ކަރުދާސް 3 ބަޔަކަށް ބެހިފައިވާނެއެވެ. ފުރަތަމަ ބައިގައި ވޯޓު ދޭން ޖެހެނީ ރަށު ކައުންސިލް ރައީސަށެވެ. ދެވަނަ ބައިގައި ވޯޓު ދޭން ޖެހެނީ އެރަށެއްގެ ކައުންސިލްގެ އަންހެން މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރު ކުރާ ކޮންމެވެސް ދެ ކެންޑިޑޭޓަކަށެވެ. އަދި ތިން ވަނަ ބައިގައި ވޯޓު ދޭނީ އެ ރަށުގެ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިޚްތިޔާރު ކުރާ ކޮންމެވެސް 2 ކެންޑިޑޭޓަކަށެވެ.
ރަށެއްގެ އާބާދީ 2000 އަށްވުރެ މަދުނަމަ، އެރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށްވެސް އިންތިޚާބު ކުރާނީ 5 މެންބަރުންނެވެ. މި ވޯޓު ކަރުދާސް ބަހާލާފައިވާނީ ދެބަޔަކަށެވެ. ފުރަތަމަ ބައިގައި ވޯޓު ދޭން ޖެހޭނީ އެރަށެއްގެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތަކުން އިޚްތިޔާރު ކުރާ އެއް ކެންޑިޑޭޓަށެވެ. ދެވަނަ ބައިގައި ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން 4 ކެންޑިޑޭޓެއް އިޚްތިޔާރުކޮށް ވޯޓު ދިނުމަށް އިރުޝާދު ދީފައި އޮންނާނެއެވެ. އެހެންކަމުން މި ދެ ވޯޓު ކަރުދާސް ލިބޭ ފަރާތްތައް މިކަމަށް ސަމާލުވުން މުހިންމެވެ.
މި ވޯޓު ކަރުދާހުގައި އޮންނާނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ސުވާލެވެ. އެ ސުވާލަކީ؛ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
ކަރުދާހުގައި ޖަވާބު ދިނުމަށް ދީފައިވާނީ ދެ އިޚްތިޔާރެކެވެ. އެއީ "އާނއެކެވެ" ނުވަތަ "ނޫނެކެވެ" މި ކަރުދާހުގައި ވޯޓު ދޭއިރު އެ މީހަކަށް ފެންނަ ކޮންމެވެސް އެއް ޖަވާބެއްގައި ފާހަގަ ޖެހުމަށް ކަރުދާހުގައި އިރުޝާދު ދީފައިވާނެއެވެ.
މިފަހަރުގެ އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. މީގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ތައްޔާރުކޮށްފައެވެ. މިއިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ޤާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ކައުންސިލެއްގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކުރަން ޖެހެއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ.