ޚަބަރު

މާލީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ބޭންކުގައި ޑޮލަރު ހުންނާނެ: ބީއެމްއެލް


  • އެންއޯޕީއާއި ލިކިއުޑިޓީ ހުރީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައި

މާލީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ބެންކުގައި ޑޮލަރު އެބަހުރިކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން ވިދާޅުވީ، 2020ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ނެޓް އޯޕަން ޕޮޒިޝަން ދަށް މިންވަރެއް ހިފެހެއްޓިފައިވާ ކަމަށެވެ. އަދި 2024ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން %20 އަށް ވެއްޓިފައިވާ ކަމަށެވެ. މިކަމުން އަންގައިދެނީ 2024 ސެޕްޓެންބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިޔަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކިފައިވާ ކަމެވެ.

ރާއްޖޭގެ ޤައުމީ ބޭންކު، ބީއެމްއެލުން ވިދާޅުވީ، އެންއޯޕީ ޝޯޓް ޕޮޒިޝަން ރަނގަޅު ކުރުމުގެ އިތުރުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ކުންފުނިތަކުގެ ބޭނުންތަކަށް ޓްރާންސްފާތައް ހެދުމާއި ކާޑުތަކުގެ މުއާމަލާތްތައް ހިމެނޭހެން، ޖުމްލަ 600 މިލިޔަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު މިދިޔަ އަހަރު ވިއްކައިގެން ވިޔަފާރި މުއާމަލާތްތައް ހިންގާފައިވާ ކަމަށެވެ.

ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީއަކީ ތަފާތު ފަންޑިންގ ވަސީލަތްތަކާއި، ހަރުދަނާ ޓްރެޜަރީ އޮޕަރޭޝަންތަކާއިއެކު، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދާކަމެއްކަން ބޭންކުން ފާހަގަކުރެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އެއްވެސް މެދުކެނޑުމެއް ނެތި ކަސްޓަމަރުންނާއި މާކެޓުގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންވެއެވެ. ޚާއްސަކޮށް، އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް 2024އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިޔަން ޔޫއެސް ޑޮލަރުގެ ލޯނު ދޫކޮށްފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ މި ބޭންކުގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިޔަން ޔޫއެސް ޑޮލަރަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މި ޕޮޒިޝަނުން ދައްކުވައިދެނީ ބޭންކުގައި ބޭރުފައިސާ ވިއްކުމުގެ ގާބިލުކަން ލިބިފައިވާ މިންވަރެވެ. އަދި މިއީ ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަން ފައިދާ ނުވަތަ ގެއްލުން ވެދާނެ މިންވަރު ދައްކައިދޭނެ މިންގަނޑެކެވެ. މިއީ ބޭންކުން ޔޫއެސްޑޮލަރ ދޫކުރުމަށް ހުރި ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫނެވެ.

މިއާޚިލާފަށް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި އަދި ބޭރަށް ފައިސާ ފޮނުވުމާއި، އަދި ބޭންކުން ލޯނުދޫކުރުން ފަދަ ކަންތައްތައް ކުރުމުއްދަތެއްގައި ކުރުމަށް ބޭންކަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ލިބިފައިވާ ގާބިލުކަމެވެ. މި ދެ މިންގަނޑަކީވެސް ބޭންކުގެ މާލީ ދުޅަހެޔޮކަމާއި، ރިސްކް ޕްރޮފައިލް ވަޒަންކުރުމުގައި ބޭނުންކުރާ މުހިންމު މިންގަނޑުތަކެއް ކަމުގައި ވީނަމަވެސް، މިއިން ކޮންމެ މިންގަނޑަކުންވެސް ހާސިލުކޮށްދެނީ ތަފާތު މަގުސަދުތަކެކެވެ.