ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އެއް އަހަރު ދުވަހުގެ ތެރޭގައި 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފިއެވެ. 17 މާރިޗު 2025 އިން 17 މާރިޗު 2026 އާ ހަމައަށް ޖުމުލަ 2,259 މައްސަލަ އެ ސެންޓަރަށް ވަނީ ހުށަހައަޅާފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހެޑް އޮފް ސްކޭމް ސެންޓަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ފާއިތުވި އެއް އަހަރު ތެރޭގައި ސްކޭމްތަކުގެ ސަބަބުން ޖުމުލަ 27,564,410 ރުފިޔާ ގެއްލިފައިވާ ކަމަށެވެ. މީގެތެރެއިން 10,190,879 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 785 މައްސަލައެއް މިހާތަނަށް ހައްލުކުރެވިފައިވާއިރު، ސްކޭމްތަކާ ގުޅުންހުރި 3,852 ބޭންކިން އެކައުންޓެއް ފްރީޒްކޮށް، 36 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންސްޕެކްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، ސްކޭމް ހިންގުމަށް ބޭނުންކުރި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 235 ނަންބަރަކާއި، 452 ޑިވައިސެއް ބްލޮކް ކޮށްފައިވާ ކަމުގައި ނަވީދު ވިދާޅުވިއެވެ.
އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތްތައް ޤާނޫނީ އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރެވިފައިވުމަކީ، ކުރީ އަހަރުތަކާ އަޅާބަލާއިރު ލިބުނު ބޮޑު ފަސޭހައެއް ކަމަށް ނަވީދު ވިދާޅުވިއެވެ. އެގޮތުން، ބޭންކުތަކާއި މާލީ އިދާރާތަކާއެކު މަސައްކަތް ކުރުމުގައި އިތުރު އިދާރީ މަރުހަލާތަކަށް މަޑުނުކޮށް، ސީދާ މުއާމަލާތް ކޮށްގެން އަވަސް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް އިންސްޕެކްޓަރ ވިދާޅުވިއެވެ.
ނަވީދު ވިދާޅުވީ، މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ %50 އަކީ، އީ-ކޮމާރސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. ދެވަނައަށް އެންމެ ގިނައީ، ކަރެންސީ އެކްސްޗޭންޖު ނުވަތަ ރުފިޔާ މާރުކުރުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ.
ސްކޭމުގެ މައްސަލަތައް ޙައްލު ކުރުމުގައި ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ، "ކްރޮސް ޖުރިސްޑިކްޝަން" ނުވަތަ، ސްކޭމުގެ ގޮތުގައި އަތުލައިގަންނަ ފައިސާ ޤައުމުން ބޭރުގައި ހުންނަ އެކައުންޓުތަކަށް ފޮނުވުން ކަމުގައި ނަވީދު ވިދާޅުވއެވެ. ހަމައެއާއެކު، ސްކޭމުގެ މައްސަލަތައް ރިޕޯޓު ކުރުމުގައި ފަސްވުން ނުވަތަ، ފުރަތަމަ 48 ގަޑިއިރު ފާއިތުވުމުން ރިޕޯޓު ކުރުމުގެ ސަބަބުން، ފައިސާ އަނބުރާ ހޯދުމަށް އުނދަގޫ ވެގެންދާ ކަމުގައިވެސް ނަވީދު ވިދާޅުވިއެވެ.
"ރާއްޖޭގެ، އަޅުގަނޑުމެން އަތުން ސްކޭމަރުން ފޭރިގަންނަ ފައިސާ ދަނީކީ، ހުރިހާ ފައިސާ ހުންނަނީ ރާއްޖޭގައެއް ނޫން. ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެއިން ބޭރު ބޭންކުތަކަށް." ހެޑް އޮފް ސްކޭމް ސެންޓަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ފައިސާ އަނބުރާ ނުލިބޭ މީހުންނަށް އެ ފައިސާ ހޯދައިދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ސްކޭމްގެ މައްސަލަތައް ރިޕޯޓު ކުރާ ސޮފްޓްވެއަރ ސިސްޓަމް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި "ޕްރޯ އެކްޓީވް ސްކޭމް ޑިސްރަޕްޝަން" ނުވަތަ ސްކޭމެއް ހިންގުމުގެ ކުރިން އެކަން ހުއްޓުވުމަށް ކުރާ މަސައްކަތްތައްވެސް ފުޅާކުރަމުންދާ ކަމުގައިވެސް އިންސްޕެކްޓަރ ވިދާޅުވިއެވެ.
ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ކުރިން އެއީ އިތުބާރު ހިފޭ ތަނެއްތޯ ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. ވިޔަފާރިއެއްގެ ސައްޙަކަން business.egov.mv މެދުވެރިކޮށް ބެލޭނެ ކަމަށާއި، ފައިސާއަށް އެދި މެސެޖެއް ލިބިއްޖެނަމަ އެ މީހަކަށް ގުޅައި ކަށަވަރު ކުރުމަށާއި، ލައިސަންސް އޮތް ތަންތަން މެދުވެރިކޮށް ނޫނީ ބޭރު ފައިސާ މާރު ނުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ޒާތީ މަޢުލޫމާތު ހިއްސާ ނުކުރުމަށާއި، އެޕްލިކޭޝަންތަކުގައި "ޓޫ ފެކްޓަރ އޮތެންޓިކޭޝަން" ބޭނުން ކުރުމަކީ، ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. އަދި ވިޔަފާރިވެރިންގެ އެކައުންޓުތަކަށް އަމާޒުކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވުމަށާއި، ބޭންކިން އެޕްތަކުގެ އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ބޭނުން ކުރުމަށްވެސް އިންސްޕެކްޓަރ އިލްތިމާސްކުރެއްވިއެވެ.
ސްކޭމްގެ މައްސަލައެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ރިޕޯޓު ކުރުމަކީ، ފައިސާ ހޯދުމަށް އޮތް އެންމެ ފަސޭހަ މަގުކަމަށް ފުލުހުން ވިދާޅުވެއެވެ. މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން އެހީތެރިކަން ލިބޭނެއެވެ.