އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންގެ ހާއްސަ ތަމްރީނުތަކެއް ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ-ރޭ" ގެ އެންމެ ފަހުގެ ތަމްރީނުތައް މިއަދު މާލެއާއި އަތޮޅުތަކުގައި ކުރިއަށްދާނެކަމަށެެވެ. މި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.
މި ވަގުތުތަކުގައި މަގުމަތީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ ހަރަކާތްތައް އިތުރުވެ، ސަލާމަތީ ކަންކަމާ ގުޅޭ އެކި ތަމްރީނުތައް ކުރިއަށްދާނެއެވެ. މިއީ އޮޕަރޭޝަނަލް ގޮތުން ފުލުހުންގެ ތައްޔާރީތައް ހުރި މިންވަރު ބަލައި، މަސައްކަތްތައް ވިލަރެސްކުރުމަށް ރޭވިގެން ހިންގާ ހަރަކާތެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.